ENGLISH
27 އޭޕްރީލު 2026
އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް: ސިންގަލްސް ޗެމްޕިއަންކަން އަޒްމީން އާއި ވިދާދް އަށް
27 އޭޕްރީލު 2026
|
މުބާރާތުގައި އަޒްމީން (ކ) އާއި ވިދާދް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ސީއޭއެމް
އެންމެ މަޤްބޫލު
ތޭރަ ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދް ހޯދައިފިއެވެ.
ހުޅުމާލޭގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި ސީނިއާ ފިރިހެން ސިންގަލްސް ބައިގައި 27 ކުޅުންތެރިން، އަންހެން ސިންގަލްސް ބައިގައި 12 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، މުބާރާތުގެ ފިރިހެން ޑަބަލްސް ބައިގައި 28 ކުޅުންތެރިން އަދި އަންހެން ޑަބަލްސް ބައިގައި 10 ކުޅުންތެރިން ވާދަކުރިއެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި އިސްމާއިލް އަޒްމީން ވަނީ ސީދާ ދެ ސެޓުން އާދަމް އަދީލް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން ކާމިޔާބުކުރީ 25-19، 25-05 އިންނެވެ.
އަންހެން ސިންގަލްސް ފައިނަލުގައި އައިޝަތު ފައިނާޒް އަތުން އައިމިނަތު ވިދާދް މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވިދާދް ގެންދިޔައީ 24-18، 23-14 އިންނެވެ.
މި މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދް އާއި އާމިނަތު ޖުނާނާ ސައުދުﷲ ގެ ޕެއާ ހޯދީ ފައިނަލުގައި ސީދާ ދެ ސެޓުން އައިޝަތު ނަހުފާ އާއި ފާތިމަތު ސަނީގެ ޕެއާ ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ވިދާދް އާއި ޖުނާނާގެ ޕެއާ ކާމިޔާބުކުރީ 16-14، 25-10 އިންނެވެ.
ފިރިހެން ޑަބަލްސް ފައިނަލުގައި އިބްރާހިމް ހުޖާން އަލީ އާއި އަހުމަދު މުޝްރިފްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ހާތިމް ހަލީލް އާއި ރިބާހް ހުސައިންގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ހުޖާން އާއި މުޝްރިފްގެ ޕެއާ ގެންދިޔައީ 25-13، 20-15 އިންނެވެ.
އޯޕަން ސިންގަލްސް ފައިނަލުގައި ހުޖާން ވަނީ ސީދާ ދެ ސެޓުން ހާތިމް ބަލިކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ. މި މެޗުގެ ސެޓުތައް ހުޖާން ކާމިޔާބުކުރީ 25-14، 25-14 އިންނެވެ.