ENGLISH
14 ޖޫން 2026
އީރާނުގެ 15 އޮފިޝަލުންގެ ތެރެއިން ވިސާ ލިބުނީ 4 މީހަކަށް
14 ޖޫން 2026
|
އީރާން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން: އެމެރިކާއަށް އެތެރެވުމަށްް ވިސާ ނުލިބި ތިބި 15 މީހުންގެ ތެރެއިން 4 މީހަކަށް މިހާރު ވަނީ ވިސާ ހަމަޖެހިފައި -- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ އީރާންގެ އޮފިޝަލުންގެ ތެރެއިން ހަތަރު މީހަކަށް ވިސާ ލިބިއްޖެއެވެ.
ފީފާ ވޯލްޑް ކަޕުގައި ބައިވެރިވާ އީރާންގެ ވަފުދުގެ ހަތަރު މެންބަރަކަަށް ވިސާ ލިބުނު ނަމަވެސް، އީރާންގެ ޓީމު އެމެރިކާގައި ކުޅޭ މެޗުތަކަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބި ބާކީ އަދި 11 މީހުން އެބަތިއްބެވެ. މި މީހުންނަށް މުބާރާތުގެ މެޗުތައް ކުޅޭ ދުވަސްވަރު އެމެރިކާއަށް އެތެރެވުމުގެ ހުއްދައެއް ނުލިބޭނެއެވެ.
އީރާނުން މިދިޔަ ހަފުތާގައި ތުހުމަތުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބެކްރޫމް ސްޓާފުންގެ ތެރޭގައި ހިމެނޭ މުހިންމު މެންބަރުންނަށް ވިސާ ދިނުމަށް އެމެރިކާއިން އިންކާރުކުރެއެވެ. މިއީ ވޯލްޑް ކަޕުގައި ބައިވެރިވުމަށް އީރާންގެ ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަދީފައިވާ ކަމަށް ވޮޝިންޓަނުން ބުނެފައިވަނިކޮށް ކުރި ތުހުމަތެކެވެ. އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ރައްކާތެރިކަމަށްޓަކައި އީރާނުން ވަނީ އެ ޤައުމުގެ ވޯލްޑް ކަޕް ބޭސް މެކްސިކޯއަށް ބަދަލުކޮށްފައެވެ.
ވިސާ ނުލިބުނު އީރާންގެ ވަފުދުގެ 15 މެންބަރުންގެ ތެރެއިން 10 މީހަކު ވަނީ މެކްސިކޯއަށް ދިޔުމަށްފަހު އަލުން ވިސާއަށް އެދި ހުށަހަޅާފައެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ އިސްތިއުނާފު ކާމިޔާބުވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ވިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ޓީމުގެ ޓެކްނިކަލް ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރާ އެނަލިސްޓަކާއި، ފެޑެރޭޝަނުގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓުގެ ދެ އޮފިޝަލުންނެވެ.
އިސްތިއުނާފު ކުރި މީހުންގެ ތެރެއިން ބާކީ ތިބި ހަ މީހުންނަށް އަލުން ވިސާ ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. އޭގެ ތެރޭގައި އީރާން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހުދީ ތާޖާއި، އެ ފެޑެރޭޝަނުގެ ނައިބު ރައީސަކާއި، ޓީމުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމާ ހަވާލުވެ ތިބި ދެ އެޑްމިނިސްޓްރޭޓަރުންގެ އިތުރުން، މީޑިއާ އޮފިސަރަކާއި، ސެކިއުރިޓީ އޮފިސަރަކު ހިމެނެއެވެ. މީގެ އިތުރުން ދެވަނަ މީޑިއާ އޮފިސަރަކު ވަނީ ފުރަތަމަ ފަހަރު ވިސާ ރިޖެކްޓުވުމާ ގުޅިގެން ދެވަނަ ފަހަރަށް ހުށަނޭޅުމަށް ނިންމާފައެވެ.
ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާނުން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒިލެންޑާ ބައްދަލުކުރާނެއެވެ. އޭގެ ފަހުން މި މަހުގެ 21 ގައި ބެލްޖިއަމާ ދެކޮޅަށް އެ ސިޓީގައި ކުޅުމަށްފަހު، މި މަހުގެ 26 ގައި ސިއެޓްލްގައި މިސްރާ ބައްދަލުކުރާނެއެވެ.
މީގެ އިތުރުން އީރާންގެ ސަޕޯޓަރުންނަށް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖު މެޗުތަކަށް ކަނޑައަޅާފައިވާ ޓިކެޓު އެލޮކޭޝަން އެމެރިކާގެ އޮފިޝަލުން ވަނީ މި ހަފުތާގެ ކުރީކޮޅު ބާތިލުކޮށްފައެވެ. ނަމަވެސް ފީފާއިން ބުނެފައިވަނީ އީރާންގެ ސަޕޯޓަރުންނަށް މެޗުތަކަށް ވަނުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވިސާގެ މައްސަލަ ހަމައެކަނި ކުރިމަތިވެފައިވަނީ އީރާނަކަށް ނޫނެވެ. ބައެއް ގައުމުތަކުގެ ސަޕޯޓަރުންނަށް އެތެރެވުން މަނާކޮށްފައިވާއިރު، ވޯލްޑް ކަޕުގައި ރެފުރީކަން ކުރުމަށް ހަމަޖެހިފައިވާ ސޯމާލިއާގެ ރެފުރީ އުމަރު އަރޮޓާންއަށްވެސް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ވަނީ ނުލިބިފައެވެ.
މި މައްސަލައިގައި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަނީ އޭނާ 17 އަހަރު ވަންދެން އިސްކޮށް ހުންނެވި އިދާރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، ވޯލްޑް ކަޕް ބާއްވާ ގައުމަކުން އަސާސީ ދެ ކަމަކަށް ޔަގީންކަން ދޭންޖެހޭނެ ކަމަށެވެ. އެއީ ގައުމުގެ ސަލާމަތާއި، މުބާރާތަށް ކޮލިފައިވި ހުރިހާ ޓީމުތަކާއި، އޮފިޝަލުންނާއި ރެފުރީންނަށް އެއްވެސް ހުރަހެއް ނެތި އެތެރެވުމުގެ ފުރުސަތު ދިނުން ކަމަށެވެ.