ENGLISH

14 ޖޫން 2026

Advertisement

މޮރޮކޯ އާއި ބްރެޒިލްގެ ކުރިމަތިލުން އެއްވަރު

14 ޖޫން 2026

|

އިސްމާއިލް ޝާހު

ފީފާ ވޯލްޑް ކަޕުގައި މޮރޮކޯ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގައި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ގްރޫޕް ސީގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެފްރިކާގެ ޗެމްޕިއަނުން ކަމަށްވާ މޮރޮކޯއިން ވަނީ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް ކައިރިން ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އެގޮތުން މި މެޗުގެ 21 ވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ލީޑު ނަގާފައެވެ. ބްރަހީމް ޑިއާޒް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާޢީލް ސައިބާރީއެވެ. އޭނާ ވަނީ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ކުރިއަށް ނުކުތުމާއެކު، އޭނާގެ ބޯމަތިން ބޯޅަ އޮއްސާލާފައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ކުޅުންތެރިއަކު ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ފީފާ ވޯލްޑް ކަޕުގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި މޮރޮކޯގެ ސައިބާރީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް ކުޅެ އެފްރިކާގެ ޗެމްޕިއަނުން ލަނޑެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1970 ވަނަ އަހަރު ޕެރޫއާ ދެކޮޅަށް އަދި 1998 ވަނަ އަހަރު ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އެފްރިކާގެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި މެޗުގައި މޮރޮކޯއިން ލީޑު ނެގި ނަމަވެސް، އޭގެ 11 މިނެޓު ފަހުން ބްރެޒިލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބްރޫނޯ ގިމާރޭސް ދިން ބޯޅައަކުން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއަރއެވެ.

ފީފާ ވޯލްޑް ކަޕުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ވިނީޝިއުސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މި މެޗު އެއްވަރުވުމާއެކު، ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން މޮޅުވުމަށް މޮރޮކޯއިން ކުރަމުންދާ އިންތިޒާރު އިތުރަށް ދިގުލައިގެން ދިޔައިރު، ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ބަލިނުވެ ބްރެޒިލުން 92 އަހަރު ވަންދެން ދަމަހައްޓަމުން އައި ހައިރާންކުރުވަނިވި ރިކޯޑަށް އެއްވެސް ބަދަލެއް ނައިސް ވަނީ ދެމިއޮވެފައެވެ.

ކިޔުންތެރިންގެ ހިޔާލު