ENGLISH
14 ޖޫން 2026
ފަހު ވަގުތުގައި ޖެހި ލަނޑާއެކު ގަތަރަށް ޕޮއިންޓެއް
14 ޖޫން 2026
|
ފީފާ ވޯލްޑް ކަޕުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގަތަރުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ސްވިޒަލެންޑް މޮޅުވާން ދަނިކޮށް، ފަހު ވަގުތު ޖެހި ލަނޑާއެކު ގަތަރުން ނަތިޖާ ހަމަހަމަކޮށްފިއެވެ. މިރޭ ދަންވަރު ގަތަރާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ކެލިފޯނިއާގެ ސެން ފްރެންސިސްކޯ ބޭ އެރީނާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އައީ ސްވިޒަލެންޑުންނެވެ. އެޓޭކިން ކުޅުމެއް ފެނިގެންދިޔަ ސްވިޒަލެންޑުން މެޗުގެ ލީޑު ނެގީ 17 ވަނަ މިނެޓުގައި ބްރީލް އެންބޯލޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ޕެނެލްޓީ އޭރިއާ ތެރެއިން ގަތަރުގެ ގޯލްކީޕަރު މަހުމޫދު އަބޫނާދާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ސްވިޒަލެންޑުގެ ރެމޯ ފްރެއުލާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މި ހާފުގައި ގަތަރުގެ ގޯލަށް ސްވިޒަލެންޑުގެ ޓީމުން ބާރުބޮޑު ކުރި ނަމަވެސް، ފޮނުވާލި ގިނަ ހަމަލާތައް ހުއްޓުވާފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގަތަރުގެ ކީޕަަރެވެ. މި ހާފުގައި ގަތަރަށް ރަނގަޅު ކުޅުމެއް ކުޅެ، މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
ފީފާ ވޯލްޑް ކަޕުގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލެންޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
މި މެޗުގެ ދެވަނަ ހާފު ފެނިގެންދިޔައީ ފުރަތަމަ ހާފެކޭ އެއްގޮތަށް މާ ބޮޑު ތަފާތެއް ނެތިއެވެ. ސްވިޒަލެންޑުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ބޭނުންނުހިފި ދިޔައިރު، މެޗުގެ އިތުރު ވަގުތުގައި ގަތަރަށް ލިބުނު ހަނި ފުރުސަތެއްގެ ބޭނުން ހިފައި، އެ ގައުމުން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ގޫލަމް ކޫކީއެވެ.
މި މެޗުން ސްވިޒަލެންޑް ބަލިވިއިރު، ފުރަތަމަ ލީޑު ނަގައިގެން މީގެ ކުރިން ކުޅުނު ނުވަ މެޗުންވެސް ސްވިޒަލެންޑް ބަލިވެފައެއް ނުވެއެވެ. އެހެންކަމުން މި ނަތީޖާއާއެކު އެ ރިކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ. އަދި މި ނަތީޖާއާއެކު ގްރޫޕް ބީގެ ފުރަތަމަ ދެ މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެގޮތުން މި ގްރޫޕުގައި ކެނަޑާ އާއި ބޮސްނިއާ ވާދަކުރި މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.