ENGLISH
27 އޭޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
27 އޭޕްރީލު 2026
|
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އީސީ
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލްކެޝަނުގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އީސީ އިން މިއަދު ކުރި އިއުލާނުގައި ވަނީ، މީގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މި މަހުގެ 14 ވީ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލާފައި ވީ ނަމަވެސް މިހާރުު އެ މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އީސީން ވަނީ، އެ މުއްދަތު 02 މޭ 2026 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މި އިންތިހާބުގައި ވާދަކުރުމަށް އެދި ފޯމް ހުށަހަޅާނީ، ކޮމިޝަންގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ މި ގޮނޑީގެ ބައި-އިލްކްޝަންގެ ވޮޓުލުން ކުރިއަށް ދާނީ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.
މި އިންތިހާބުގައި ޖުމްލަ 4،114 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާއަށް 2024 ވަނަ އަހަރު އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމާއެކުގައެވެ.
ސިނާން ވަނީ އެ ދާއިރާއަށް އަލުން ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވައި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓް ކާމިޔާބުކުރައްވާފައެވެ.