ENGLISH
25 އޭޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ ހާއްސަ އެޑްވައިޒަރީއެއް ނެރެފި
25 އޭޕްރީލު 2026
|
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން
އެންމެ މަޤްބޫލު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން އިތުރުވެފައިވުމާ ގުޅިގެން އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.
ބުރާސްފަތި ދުވަހު ނެރުނު އެ ބަޔާނުގައި، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅު ގާނޫނު އިތުރަށް ހަރުކަށިކޮށް، މަރުގެ އަދަބު ދޭ ގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކޮށް އެންސީބީން ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިންޒާރުދީފައިވެއެވެ.
އެޑްވައިޒަރީގައި ބުނެފައިވަނީ ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ. އެގޮތުން، ރާއްޖޭގައި ކަނޑައަޅާފައިވާ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށްޓަކައި ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ ބިއުރޯއިން ފާހަގަކޮށްފައިވެއެވެ.
އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކުގެ އިތުރުން ޓްރާންސިޓް ޕޮއިންޓްތަކުން ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށް އެންސީބީން ވަނީ ލަފާދީފައެވެ. އަދި ދަތުރުވެރިންގެ އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ބޯލެނބުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ މަހާއި މި މަހުގެ ތެރޭގައި އެކަނިވެސް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 6.7 ކިލޯގެ ހަޝިޝް އޮއިލްއާ އެކު ހައްޔަރުކުރި މީހުންނާއި، އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުން ހިމެނެއެވެ. މި މަހުގެ ތެރޭގައި ވެސް 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އިންޑިއާގެ އަންހެނުންތަކެއް ވަނީ އަތުލައިގެންފައެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މަސްތުވާތަކެތީގެ ކުޑަ މިންވަރެއް އަތުން ފެނުނަސް ބޮޑެތި އަދަބުތައް ލިބެއެވެ. އެގޮތުން، ސީރިއަސް ކުށްތަކަށް އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ދިނުން މިހާރު ވަނީ ގާނޫނުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.