ENGLISH
18 އޭޕްރީލު 2026
ކުންފުނިތަކަށް އަޅަން އެންގީ މިވަގުތު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް: ފިނޭންސް
18 އޭޕްރީލު 2026
|
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ފޮޓޯ: އަދަދު
އެންމެ މަޤްބޫލު
ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމާއެކު ހިންގުން ހަރުދަނާކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަކީ މިވަގުތު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އިއްޔެ ޕީސީބީއަށް ފޮނުވި ސިޓީއެއްގައި ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކޮށް، ހިންގުން ރަނގަޅުކުރުމަށާއި، އިންސާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި މެނޭޖުކުރުމަށްޓަކައި މާލީ ގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ކުންފުނިތަކުގެ ހިންގުން ބިނާކުރުމަށް ބާރުއެޅުމަށް ފިޔަވަޅުތަކެއް އަޅަން ކުންފުނިތަކަށް އެންގުމަށް އިރުޝާދު ދީފައިވެއެވެ.
މިނިސްޓްރީން މިއަދު ނެރުު ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުންފުނިތަކުގެ މާލީ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ ވަޒީފާ މަދުކުރުމަށް އިރުޝާދު ދިނުމާއެކ، ވަޒީފާ ދިނުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އިރުޝާދު ކުންފުނިތަކަށް ދިނުމަށް ޕީސީބީއަށް އަންގާފައިވެއެވެ.
ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމާއި ތަޖުރިބާއާއ ހުނަރާއި ގާބިލުކަމަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށްވުރެ ހަރުދަނާކުރުމާއެކު، އެ އުސޫލާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރާކަން ކަށަވަރުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
" މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް،" ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.
ފިޔަވަޅުތައް އެޅުމަށް ކުންފުނިތަކަށް އިރުޝާދު ދިނުމާއެކު އެ ފިޔަވަޅުތައް ކުންފުނިތަކުން ތަންފީޒުކުރަމުންދާ މިންވަރު މޮނީޓާކުރުމަށް ޕީސީބީއަށް ވުޒާރާއިން އަންގާފައިވާއިރު، އެ ފިޔަވަޅުތައް ތަންފީޒުވަމުންދާ މިންވަރުގެ އަދާހަމަ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމަށްވެސް ޕީސީބީއަށް އިރުޝާދު ދީފައިވެއެވެ.
މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީ.ސީ.ބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެއްކަން ވުޒާރާއިން ފާހަގަކުރިއެވެ.
މިހާތަނަށް ޕީސީބީން ތަންފީޒުކުރަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުން ފަދަ ކަންކަން ހިމެނެއެވެ.