ENGLISH
18 އޭޕްރީލު 2026
މިސްރާބު ބޮޑު އިސްލާހަކަށް؛ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 ދަށްކޮށް ހިންގުން ހަރުދަނާކުރަން އަންގަައިފި
18 އޭޕްރީލު 2026
|
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަަފުންގެ އަދަދު 33 އިންސައްތަ މަދުކޮށް، ގިނަ ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ ވިޔަފާރިތަކުގެ ބަލަދުވެރިޔާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ.
އެ ބޯޑުން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދަށް ކުރިމަތިވަމުންދާ ހިރާސްތައް ކުޑަކުރުމަށް އެ ބޯޑުން ކުރިން ނެރުނު ސާކިއުލާއެއްގައި، ދުރު ރާސްތާއަށް ވިސްނައިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
އެ ފިޔަވަޅުތަކުގެ އިތުރަށް އަނެއްކާވެސް އައު ފިޔަވަޅުތަކެއް އެޅުމަށް މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި އިރުޝާދު ދީފައިވެއެވެ. އެގޮތުން މުވައްޒަފުންގެ އަދަދު މަދުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުންގެ ޖުމްލަ އަދަދު 33 އިންސައްތަ ދަށްކުރުމަށް އަންގާފައިވެއެވެ.
އަދި ކުންފުނިތަކުގެ އެޗްއާރް ސިޔާސަތުތައް ހަރުދަނާކޮށް، ވަޒީފާ ދިނުމުގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ މެރިޓް ބޭސިސް ނުވަތަ ތައުލީމާއި ތަޖުރިބާއަށް އިސްކަންދީގެން އެންމެ އެކަށީގެންވާ މީހުން ހޮވޭނެ ގޮތަށްކަން ކަށަވަރުކުރުމަށާއި، ކުންފުނީގެ ވަޒީފާ ދިނުމުގައި އަމަލުކުރަނީ އެގޮތަށްކަން ކަށަވަރުކުރުމަށް ރެކްރޫޓުމެންޓާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށްވެސް ކުންފުނިތަކަށް ޕީސީބީން އަންގާފައިވެއެވެ.
އަދި ކުރިން ހަރަދު ކުޑަކުރުމަށް އަޅަންވީ ފިޔަވަޅުތަކާ ގުޅިގެން ދީފައި ހުރި އިރުޝާދުތައް ތަންފީޒުކުރުމާއެކު މިއަދުގެ ސާކިއުލާއިން އެންގި ކަންކަންވެސް ފުރިހަމަކުރުމަށް އެ ބޯޑުންވަނީ ކުންފުނިތަކަަށް އިރުޝާދު ދީފައެވެ.