ENGLISH

18 އޭޕްރީލު 2026

Advertisement

ފުލުހުން ބާއްވާ "ރައްކާ ރޯޑް ޝޯ" ރ. އަތޮޅުގައި ފަށައިފި

18 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ރައްކާ ރޯޑް ޝޯގެ ތެރެއިން. ފޮޓޯ: ޕޮލިސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ރޯޑް ޝޯ ފަށައި ފުރަތަމަ ހަރަކާތެއްގެ ގޮތުން ޓީމް ބިލްޑިންގ ސެޝަން ތަކެއް ބާއްވާފައިވެއެވެ.

އެ ސެޝަންގައި ފުލުހުންގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި، ދައުލަތގުގެ ކުންފުނިތަކާއި، ޖަމިއްޔާތަކުން ވެސް ބައިވެރިވެފައިވެއެވެ.

ރައްކާ ރޯޑް ޝޯ ފަދަ ޕްރޮގްރާމްތަކަކީ މަގުމަތީގެ ސަލާމަތާ ގުޅޭ މުހިންމު މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި މި ހަރަކާތުގެ އިސް އޮފިޝަލުން ފާހަގަކުރައްވައެވެ. 

މީގެ އިތުރުން، މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ރައްކާ ރޯޑް ޝޯގެ ދަށުން ޒުވާނުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމައުގެ އިސް ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ރޭވިފައިވާ މި ހަރަކާތްތަކަކީ، މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އެންމެންގެ މެދުގައި އަށަގެންނެވުމާއި، އެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ އިތުރުން، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަކީ އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން އޮވެގެން ހާސިލުކުރެވޭނެކަމެއްކަން ބުނެދީ އެކަމަށް މަސައްކަތް ކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެއް ކަމަށް ފުލުހުން ބުނިއެވެ.

މި ޕްރޮގްރާމްގައި ރޯޑް ސޭފްޓީ ވޯކް، ޓީމް ބިލްޑިންގ ސެޝަންތައް، ބީޗް ބްލާސްޓް އިވެންޓްތައް، ކުއިޒް މުބާރާތްތައް، ވޮލީ އަދި ފުޓްސަލް މުބާރާތްތަކުގެ އިތުރުން ޓްރެފިކް މޮނިޓާސް ޕްރޮގްރާމާއި ފަހިރާސްތާ ޕްރޮގްރާމް ފަދަ ޝައުގުވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ "ރައްކާ ރޯޑް ޝޯ" އަކީ މި ޕްރޮގްރާމްގެ ސްޕޮންސަރުންގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މިހާތަނަށް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު