ENGLISH

18 އޭޕްރީލު 2026

Advertisement

އާދަމް ޝަރީފު ހުންނެވީ ރައީސާއެކު، ޕީއެންސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ

18 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުހައްމަދު މުއިއްޒާއި އާދަމް ޝަރީފު އުމަރު

ކުރިއަށް އޮތް ތަނުގައިވެސް ދެމިހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ ޒައާމަތުގައި ގައުމަށް ހިދުމަތްކުރެއްވުމުގައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރެއްވި އާދަމް ޝަރީފު އުމަރު ވިދާޅުވެެއްޖެއެވެ. 

ވަޒީރުކަމުގައި ހުންނަވައިގެން އާދަމް ޝަރީފު ކުރެއްވި ހިދުމަތް ފާހަގަކޮށް އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން އޭނާ މަގާމުން އިސްތިއުފާދެއްވުމާއެކު ޕޯސްޓުކުރަމުންދެއެވެ. ތަފާތު ހިޔާލުތަކުގެ މީހުންނާ އެކުލަވައިގެން ހިދުމަތްކުރެއްވުމުގައި އާދަމް ޝަރީފު ދެއްކެވި ނަމޫނާއަށް ގިނަ ބައެއްގެ ތާރީފު ލިބިފައިވެއެވެ. އަދި ވަރަށް ގިނަ ކައުންސިލަރުން އޭނާއަށް ޝުކުރު އަދާކުރިއެވެ. 

ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މަގާމުން އިސްތިއުފާދެއްވި ދިހަ ވަޒީރުންގެ ތެރެއިން އިސްތިއުފާދެއްވި އާދަމް ޝަރީފު ހިންގެވި ވުޒާރާ މިހާރު ކެބިނެޓުގައި ނުހިމެނެއެވެ. އެ ވުޒާރާއަކީ ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އަލަށް އެކުލަވައިލެއްވި ވުޒާރާއެކެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާތަކުންނާއި ޢާންމު ފަރުދުންނާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އެކުވެރި މުވައްޒަފުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި ޢާންމުގެ ގިނަ ބަޔަކު ފާޅުކުރި ހިތްހެޔޮ ޝުއޫރުތަކަށް އާދަމް ޝަރީފު ޝުކުރު އަދާކުރެއްވިއެވެ. 

އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވިގެންނެވެ. ކައުންސިލްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރެވިގެންނެވެ. ކައުންސިލްތަކަށް ހިންދެމިލެވޭނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ލިބިގެންނެވެ. ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށް ވެގެން ކަމަށެވެ. 

އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސަރުކާރާ ގުޅިގެން، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އައު ބާބެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފެށިގެންދަވާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. 

އިތުރަށް އާދަމް ޝަރީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދިވެހިރާއްޖެއަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އޭގެ އިތުރަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރަަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. 

އާދަމް ޝަރީފަކީ ޕީއެންސީގެ ނައިބު ލީޑަރެކެވެ. އަދި އިދިކޮޅުގައި ޕީޕީއެމް ޕީއެންސީ އޮތްއިރު މަޖިލީހުގައި އެ ކޯލިޝަން ތަމްސީލުކުރެއްވި މަދު ބޭފުޅުންގެ ތެރެއިން އެއިރު ޕީއެންސީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަގާމު އަދާކުރެއްވީ އާދަމް ޝަރީފެވެ. 2013 އިން 2018 އަށް އޮތް ޕީޕީއެމް ސަރުކާރުގައި ދިފާއީ ވަޒީރުކަން އަދާކުރެއްވި އާދަމް ޝަރީފަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި އެ ދާއިރާގެ ތަޖުރިބާކާރެކެވެ. 

ކިޔުންތެރިންގެ ހިޔާލު