ENGLISH
12 އޭޕްރީލު 2026
ކާމިޔާބެއް: ލަންކާގައި ނުގެނެވިހުރި 2,500 ކޮންޓެއިނަރު ރާއްޖެ ގެނެސްފި
12 އޭޕްރީލު 2026
|
މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި އިޤްތިސާދާ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މަޢުލޫމާތު ދެއްވަނީ --
އެންމެ މަޤްބޫލު
އަވައްޓެރި ސްރީލަންކާގެ ޕޯޓްގައި ނުގެނެވިހުރި ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް އަވަހަށް ރާއްޖެ ގެނެވޭނެ ގޮތެއް ހޯދުމަށް ކުރި މަސައްކަތުން ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށް އިޤްތިސާދާ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ވަޒީރު ވިދާޅުވި ގޮތުގައި ލަންކާގެ ޕޯޓްގައި ނުގެނެވި ގިނަ އަދަދެއްގެ މުދާ އެބަހުއްޓެވެ. އެގޮތުން 4,242 ކޮންޓެއިނާ ހުރިކަން ފާހަގަ ކުރެއްވި އެވެ.
އެކަމުގެ ކަންބޮޑުވުންތައް ވިޔަފާރިވެރީން ހިއްސާކުރުމުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާ އަދި އަސާސީ ބާވަތްތައް ހިމެނޭ 80 ކޮންޓެއިނަރެއް އަވަހަށް ގެނެވޭނެ ގޮތެއް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމުގައި ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2,500 ކޮންޓެއިނަރ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ނުނެގެވި މިހާރު ހުރީ 1,741 ކޮންޓެއިނަރ އެވެ.
އެއީ ކަމާގުޅޭ އިދާރާތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ކަމުގައި ވެް ވިދާޅުވި އެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މިހާރު ވެސް މާލޭގެ ވިޔަފާރި ބަނދަރުގައި 1,200 ކޮންޓެއިނަރ ހިފައިގެން އައިސްފައިވާ ބޮޑު ބޯޓެއް އެބަ އޮތެވެ. އަދި މި ހަފްތާގައި އިތުރު 2,500 ކޮންޓެއިނަރ މުދާ ރާއްޖެ ގެނެވޭނެ ކަމުގައި ވިދާޅުވި އެވެ.
ލަންކާ ޕޯޓްގައި ތާށިވެފައިވާ މުދަލުގެ ތެރޭގައި އަމިއްލަ ވިޔަފާރިވެރީންގެ ތަކެތި ހިމެނޭކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި މޭވާއާ ތަރުކާރީއާ އެ ނޫން ވެސް އަސާސީ ބާވަތްތަކުގެ މުދާ ހިމެނޭ ކަމަށެވެ. އެ މުދާތައް އަވަހަށް ގެނެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ވިޔަފާރިވެރީންނާއެކު މަޝްވަރާކޮށް ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.