ENGLISH
07 އޭޕްރީލު 2026
ބާބުލް މަންދަބު ބަންދުކުރާނެ ކަމުގެ އިންޒާރު
07 އޭޕްރީލު 2026
|
ބާބުލް މަންދަބު ކަނޑުއޮޅި
އެންމެ މަޤްބޫލު
ދުނިޔޭގެ އިގުތިސާދާއި ކަނޑު ދަތުރުފަތުރުގެ މައި ދޮރޯއްޓެއްކަމުގައިވާ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމުގެ ފުރުސަތު އެބަ އޮތްކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިއިން ޒަމާނަކު ނުދާހާ މިންވަރަށް މައްޗަށް ގޮސްފަ އެވެ.
ބާބުލް މަންދަބު ނުވަތަ އަރަބިންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ ކަރުނައިގެ ދޮރޯށި އޮންނަނީ އެފްރިކާ ބައްރާއި އަރަބި ބައްރު ގުޅޭ ހިސާބުގަ އެވެ. މި ކަނޑުއޮޅީގެ އެއްފަރާތުގައި އަރަބި ބައްރުގެ ޔަމަން އޮންނައިރު އަނެއް ފަރާތުގައި އޮންނަނީ އެފްރިކާ ބައްރުގެ ޖިބޫތީ އާއި އެރިތްރިއާ އެވެ.
އެހެން ގޮތަކަށް ބުނާނަމަ ބާބުލް މަންދަބަކީ ރަތްކަނޑާއި އަދަނު ކަނޑުއޮޅި ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި ވާ މި ހާލަތުގައި މިސްރުގެ ސުއޭޒް ކެނަލްއާ ދިމާލަށް ދަތުރުކުރާ އުޅަނދުތައް ހުރަސްކުރުމަށް ބޭނުންކުރަމުންދަނީ ބާބުލް މަންދަބު ކަނޑުއޮޅި އެވެ. ހުރުމޫޒު ކަނޑުއޮޅިއަށްފަހު ދުނިޔޭގެ ހަކަތައާއި މުދާ ކަނޑުމަގުން އުފުލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މި ކަނޑުއޮޅި ނެވެ.
އިރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާ ބައިވެރިވެގެން ފަށާފައިވާ ހަނގުރާމައިގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހީ ހަގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް މަޖުބޫރުވެ އަދި ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު ދޫކޮށްލުމަށް އެމެރިކާއިން މިފަހުން އަންނަނީ އީރާނަށް އިންޒާރު ދެމުން ނެވެ.
މިކަމާ ގުޅިގެން އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ އިސް މުޝީރު އަލީ އަކްބަރު ވެލަޔާތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާންއާއި އީރާންއަށް ވާގިވެރިވާ ޖަމާޢަތްތަކުން ބާބުލް މަންދަބުއާ މެދު ދެކެނީ ހުރުމުޒު ކަނޑުއޮޅިއާ މެދު ދެކޭ ގޮތަށް ކަމަށެވެ. އެމެރިކާއަށް ހަދާފައިވާ ގޯސްތައް އަލުން ތަކުރާރުކޮށްފި ނަމަ ދުނިޔޭގެ ހަކަތައާއި ވިޔަފާރި ދައުރުވާ ދައުރުވުމަށް އެންމެ އިޝާރާތަކުން ބުރޫއަރުވާލެވޭނެ ކަން އެމެރިކާއަށް ހާމަވެގެން ދާނެ ކަމަށް އަލީ އަކްބަރު ވެލަޔާތީ ވިދާޅުވި އެވެ.
އަލީ އަކްބަރު ވެލަޔާތީ މިފަދައިން ހަރުކަށި އިންޒާރެއް ދެއްވި އިރު ހުރުމުޒު ކަނޑުއޮޅި 48 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ ގައުމުތަކަށް ނުހުޅުވާލައިފި ނަމަ ބާރު ދައްކާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފަ އެވެ.
މި ކަނޑުއޮޅި އޮންނަ ސަރަހައްދުގެ އެންމެ ވަރުގަދަ ބާރަކީ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ނެވެ. އެމެރިކާ އާއި އިސްރާއީލު އިސްވެ އޮވެ އީރާނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އީރާނުން ދެމުންދާ ރައްދު ހަމަލާތަކާ ހޫޘީން މިހާރު ރަސްމީކޮށް ގުޅިފައިވާއިރު މިކަމުގެ ސަބަބުން މިސްރުގެ ސުއޭޒް ކެނަލް ވެސް ބަންދުވެދާނެކަމުގެ އިންޒާރު ދޯހާ މީގެ ކުރިން އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ޕްރޮފެސަރ މުޙައްމަދު އަލްމަޞްރީ ވެސް ވަނީ ދެއްވައިފަ އެވެ.
ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ސުއޭޒް ކެނަލަށް ދަތުރުކުރާ ކޮންމެ އުޅަނދަކަށް ދަތުރުކުރެވޭނީ ބާބުލް މަންދަބު ކަނޑުއޮޅި ހުރަސްކޮށްގެންކަމަށް ވުމާއެކު މި ކަނޑުއޮޅި ވެފައިވަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6.2 މިލިއަނާއި 9.3 މިލިއަން ފީފާއާ ދެމެދުގެ އަދަދެއްގެ ތެޔޮ ދަތުކުރަމުންދާ ކަނޑުއޮޅިއަކަށެވެ.