ENGLISH
07 އޭޕްރީލު 2026
ރާއްޖޭގެ ޞިއްޙީ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގައި، ސައިންސަށް ބިނާކޮށް ގޮތް ނިންމުން މުހިއްމު: ރައީސް
07 އޭޕްރީލު 2026
|
16 ނޮވެމްބަރ 2024، ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އިފްތިތާޙްކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޞިއްޙީ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގައި، ސައިންސާއި ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ އާދަ އަށަގެންނެވުން ކުރިއަށްވުރެ ބޮޑަށް މުހިއްމުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސޯޝަލް މީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ސަބަބުން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސައިންސަށް ބިނާކޮށް ގޮތް ނިންމުމަކީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިވާ ކަމެއްކަމަށެވެ. އަދި، ރާއްޖޭގެ ޞިއްޙީ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގައި، ސައިންސާއި ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ އާދަ އަށަގެންނެވުން މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ ސަގާފަތެއް ދަމަހައްޓަމުން އަންނަ ގައުމެއްކަން ރައީސްގެ ޕޯސްޓުގައި ކަށަވަރުކޮށްދެއްވިއެވެ. އަދި ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް ބިނާވެފައިވަނީ ޒަމާނީ ސައިންސާއި، ޓެކްނޮލޮޖީ އަދި ސާބިތު ހެކިތަކުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ހެލްތުގެ ޚިދުމަތް ފުޅާކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޯދުންތަކާއި ހެކިތަކުގެ ބޭނުން ހިފުމާއި، ބަލިތައް ދެނެގަތުމާއި މޮނިޓަރކުރުމުގެ ފަންނީ އުސޫލުތައް ހަރުދަނާކުރުމަކީ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޞިއްޙީ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމު އެއްވިއުގައަކުން ގުޅާލުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި، ދުރާލާ ބަލިތައް ދެނެގަތުމަށް އިސްކަންދިނުމުގެ އިތުރުން، ފަރުވާގެ ޚިދުމަތްތައް ހަރުދަނާކަންމަތީ ފޯރުކޮށްދިނުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާ (WHO) އާއި ބައިނަލްއަގުވާމީ އެހެނިހެން އިދާރާތަކާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، މީގެ ސަބަބުން ޞިއްޙީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކުގެ މަންފާ ރާއްޖެއަށް ލިބޭކަން ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ގައުމުތަކުގެ އަމިއްލަ ހާލަތާ ގުޅޭ ހެކިތައް ހޯދުމަށް އިސްކަންދިނުމަށް އެމަނިކުފާނުގެ މެސެޖުގައި ގޮވާލެއްވިއެވެ. އަދި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ ޞިއްޙީ މަސައްކަތްތަކަކީ ސާބިތުވެފައިވާ ސައިންސުގެ މައްޗަށް ބިނާވެފައިވާ ކަންކަންކަން ކަށަވަރުކުރުމަށްޓަކައި، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.