ENGLISH
30 މާރިޗު 2026
ގޯތި ދޫކޮށްލުމަށްފަހު ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލެއް ހަމަޖައްސަނީ
30 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގުރާމުތަކުގެ ތެރެއިން ދޫކޮށްފައިވާ ގޯތިތައް ލިބުނު މީހުންގެ ތެރެއިން އެ ގޯތިތައް ދޫކޮށްލުމަށްފަހު ފުލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭ ސަރަހައްދުން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރޭގައި އަމިއްލައަށް ގޯތީގައި ގެދޮރު އެޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ތިބި ނިކަމެތިން ގިނަ އަދަދަކަށް އެބަތިބި ކަމަަށެވެ. އަދި އެއީ ރައްޔިތުންނާއެކު އެމަނިކުފާނު ބައްދަލުކުރެއްވި ބައްދަލުވުންތަކުގައި ރައްޔިތުންގެ ކިބައިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޝަކުވާއެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
"މިހާރު ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިންވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި އެބައުޅޭ ވަރަށް ގިނަ މީހުން ވަރަށް ގިނަ ނިކަމެތި ރައްޔިތުން، މީހަކާއެކު ނުގުޅި ވަކިން ގޯތި ލިބިފައިވާ ރައްޔިތުން އަދި ޖޮއިންޓްވެގެން ލިބިފައި ތިބި ނިކަމެތި ރައްޔިތުން އެބަތިބި، އެތަންތަނުގައި ގެދޮރު އަޅަން ވަގުތު ނަގާނެތީ ވަރަށް ގިނަ ރައްޔިތުން އެބައެދޭ ފުރުސަތެއް ލިބިދާނެތޯ މިހާރު އަޅަމުންދާ ފުލެޓުތަކަށް ފުލެޓު ކެޓަގަރީއަށް ކުރިމަތިލާން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިގޮތަށް ކުރިމަތިލެވޭނީ ހައުސިން ސްކީމެއްގެ ދަށުން ލިބިފައި އޮތް ގޯތި ދޫކޮށްލުމަށްފަހުއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގޯތި އަމިއްލައަށް އިމާރާތްކުރުމަކީ އުދަގޫކަމަކަށްވާއިރު ގުޅިފަޅާއި ގިރާވަރުފަޅުގައި ބިނާރުތައް ގާއިމުކުރުމަށް އަދިވެސް ވަގުތު ނަގާނެތީ، ފުލެޓަށް ކުރިމަތިލާން ބޭނުންވާ ގޯތިވެރިންނަށް އެ ފުރުސަތު ދެއްވަން ނިންމެވީއެވެ.
ނަމަވެސް ހައުސިން ސްކީމެއްގެ ތެރެއިން ގޯއްޗެއް ލިބިފައި ތިބި މީހުންނަކީ ގޯއްޗެއް ނުވަތަ ފުލެޓެއްވެސް ލިބިފައި ނެތް މީހުންނަށްވުރެ ރަނގަޅު ހާލަތުގައި ތިބި ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް އުސޫލު އެކަށައެޅުމުގައި ރިއާޔަތްކުރައްވާނެ ކަމަށެވެ.
"މިފުރުސަތު އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން ދިނުމަށްޓަކައި، ޕޯޓަލް ތެރެއިން އެޕްލަައިކުރާ ޖާގަ ހެދުމަށް ވަގުތުކޮޅެއް ނަގަނީ. ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ނިންމައި ބިންވެރިޔާ ސްކީމުގެ ތެެރެއިން، މިދިޔަ ސަރުކާރުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކޮށްލާ ގޮތަށް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނެ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ބައްދަލުވުންތަކުގައި ގެދޮރުވެރިކަމުގެ ސިޔާސަތާ ގުޅޭ ގޮތުން ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތަކާއި ރައްޔިތުން ހިއްސާކުރާ ކަންކަމަށް ރިއާޔަތްކުރައްވައިގެން ގެދޮރުވެރިކަމާ ގުޅޭ އުސޫލުތަކަށް ރައީސް ގެންދަވަނީ ބަދަލުތައް ގެންނަވަމުންނެވެ.