ENGLISH

30 މާރިޗު 2026

Advertisement

މި ސަރުކާރުން ފަށާ ހައުސިން މަޝްރޫއުތައް 2028 ވަނަ އަހަރު ނިންމައި މީހުންނަށް ވަދެވޭނެ: ރައީސް

30 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ފަށާ ހައުސިން މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދު ތެރޭ ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ހައުސިން މަޝްރޫއުތައް ހިންގުމުގައި އެމަނިކުފާނު ބޭނުންފުޅުވި ދުވެލީގައި ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދެވިފައި ނެތްކަން ފާހަގަކުރައްވައި ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިކަމުގައި ވަގުތުތަކެއް ހޭދަވީ ސަރުކާރު ބަޖެޓުން ހަރަދުނުކޮށް ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ގޮތަކަަށް އިންވެސްޓަރުން ހަރަދުކޮށްގެން އެކަން ގެންދެވޭ މޮޑެލްއަކަށްް މަޝްްރޫއުތައް ކުރިއަށްގެންްދާތީ ކަމަށެވެ. 

މިހާތަނަށްް އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި، އެތަަން ލިބުނު ރައްޔިތުންނަށް ބޭނުންކުރަން ފެށިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ފަށާ ހައުސިން މަޝްރޫއުތައް ދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަނުމަށް މަގުފަހިކުރައްވާނެ ކަމަށެވެ. 

އެގޮތުން ބީއެމްއެލްގެ ފައިނޭންސިންގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 3،260 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ލަސްވެގެން ޖުލައި މަހުގެ ކުރިން ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

މި ހައުސިން ޔުނިޓުތަކުގެ އިތުރަށްވެސް ހައުސިން މަޝްރޫއުތަކެއް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ތައާރަފުކުރި އެފޯޑަބަލް ހައުސިން ޕޮލިސީގެ ދަށުން ބީއެމްއެލްއިން އަޅާ ހައުސިން ޔުނިޓުތަކުގެ އިތުރަށް ހައުސިން ޔުނިޓުތަކެއްގެ މަސައްކަތް ކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ. 

އަދި އެކުވެރި ގައުމުތަކުގެ އެހީގައި ހައުސިން ޔުނިޓުތައް އެޅުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"ދެން ބޭރުގެ ހިލޭ އެހީ ނޫނިއްޔާ ލޯނު އެހީގައި އަޅާ ހައުސިން ޔުނިޓުތައް ހުރީ. މި މަސައްކަތްތައްވެސް އަޅުގަނޑުމެން ވަރަށް ގާތުން އެ ގައުމުތަކާ ކޮމިއުނިކޭޓްކުރަން. މިސާލަކަަށް އިންޑިޔާ ސަރުކާރުން ދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން އަޅާ ހައުސިން ޔުނިޓުގެ ހުރިހާ ފަންނީ މަސައްކަތްތަކެއް އެދަނީ ކުރިއަށް. އަދި އިތުރު ހައުސިން ޔުނިޓުތައްވެސް އެބައޮތް،" ރައީސް ވިދާޅުވިއެވެ. 

"މިހާރު އަޅުގަނޑުމެން ހުޅުވާލާފައިވާ ފުލެޓަށް އެޕްލައިކުރުމުގެ ސްކީމުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އަޅުގަނޑުގެ އަމާޒަކީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ފުލެޓުތައް ދިނުން. އެއީ 8،000 އެއްހައި ފުލެޓު. މާނައަކީ ކުރިއަށް މަހެއް ދެ މަހެއްގެ ތެރޭގައި އެ ހުރިހާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށެންޖެހޭނޭ،" 

ރައީސް ވިދާޅުވި ގޮތުގައި އެންމެ ލަސްވެގެން މި އަހަރުގެ ދެވަނަ ކުއާޓާގައި ތެރޭގައި ހުރިހާ ހައުސިން ޔުނިޓެއްގެ އަމަލީ މަސައްކަތް ފެށޭނެއެވެ. އަދި އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ބީއެމްއެލްއިން ފައިނޭންސްކޮށްގެން ބިނާކުރާ ތަންތަނުގެ މަސައްކަތް މިހާރު ފެށެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. 

މާލޭ ސަރަހައްދުގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ އިތުރަށް އަތޮޅު ތެރޭގައި ތަރައްގީކުރުމަށް ބީއެމްއެލް ފައިނޭންސް ހަމަޖެހިފައި ހުރި ތަންތަނާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކުރާ ތަންތަނުގެ މަސައްކަތްވެސް މި އަހަރު ތެރޭ ފެށި ދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު