ENGLISH

30 މާރިޗު 2026

Advertisement

މާލެ ސިޓީގެ ޑަބްލިޔުޑީސީއަށް ވާދަކުރާ ޓީމު މިފަހަރު ތަފާތުވާނެ: އާދަމް ޝަރީފް

30 މާރިޗު 2026

|

އާމިނަތު ނުޒްލާ

ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މިފަހަރު ވާދަކުރައްވާ ޓީމު އާދަޔާޚިލާފުވާނެ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ޕީއެންސީ އިން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ބަދަހި އާއިލާ" މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މާލެއަށް ގެންނާނެ ހެޔޮ ބަދަލުތަކާއި، ހާއްސަކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ސިޔާސަތުތަކެއް މެނިފެސްޓޯއެއް ގޮތަށް އެކުލަވާލެވި، ތައްޔާރުކުރެވިގެން އެހާ ފުރިހަމައަށް ރައްޔިތުންނަށް ހިއްސާކުރުމަކީ، މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އިތުބާރަކާއި ޔަގީންކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިފަހަރުގެ ޑަބުލިޔުޑީސީއަކީ އާދަޔާޚިލާފު ޑަބްލިޔުޑީސީއަކަށް ވާނެ ކަމަށެވެ.

"މިފަހަރު ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ ޑަބްލިޔުޑީސީއަށް ކުރިމަތިލައްވާ ބޭފުޅުންނަކީ މިފަންނުގައި އެންމެ ގާބިލް އަދި އެންމެ ރަނގަޅު ނަތީޖާ ނެރެދޭނެ ޓީމަށް ވެގެންދާނެ. މާލެ ސިޓީ ޑަބްލިއުޑީސީއަށް ވާދަކުރައްވާ ބޭފުޅުން ގުޅިގެން މަސައްކަތްކުރުމަކީ، މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ވަކި އަމާޒަކަށް މަސައްކަތް ކުރާކަން ފެނިގެންދާކަމެއް. ނަތީޖާ ނެރެދޭނެކަން ޔަޤީން،" ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވިއެވެ.

މިފަހަރު މާލޭގެ ޑަބްލިއުޑީސީގެ ރައީސާގެ މަގާމަށް ޕީއެންސީން ކުރިމަތިލައްވާފައިވާ އާޝިޔަތު އަލައިކާ އަދުނާނު އަކީ އެކަމަށް އެންމެ ގާބިލް، ކުޅަދާނަ، އަދި އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކެރިގެން މަސައްކަތް ކުރައްވާނެ އެންމެ ގާބިލް ބޭފުޅާކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

"ބަދަހި އާއިލާ" ގެ މެނިފެސްޓޯގައި ވަނީ މާލޭގެ މައްސަލަތައް ހައްލުކުރުމަށް މައިގަނޑު ތިން ކަމެއް ހިމަނާފައެވެ. އެއީ "ދިރިއުޅޭނެ ޖާގަ ފަހިކުރުމަށް"، "އޯގާތެރިކަމުގައި އަޅާލުމަށް" އަދި "ފުދުންތެރިކަން އިތުރުކުރުމަށް" މި ތިން ދާއިރާއެވެ. 

މެނިފެސްޓޯގައި ވަނީ މި ތިން ދާއިރާއިން ކުރާނެ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު އާއްމުކޮށްފައެވެ. އެގޮތުން ދިރިއުޅޭނެ ޖާގަ ފަހިކުރުމުގެ ގޮތުން މަގުމަތީގެ އަމާންކަމާއި ސަލާމަތްތެރިކަން ޤާއިމުކުރުމާއި، އާއިލީ މައިޒާންތަކާއި ޕާކުތައް ގިނަކުރުމާއި، ކޮމިއުނިޓީ ގާޑަންތައް ތަޢާރަފްކުރުން ހިމަނާފައިވެއެވެ. އަދި، ކޮންމެ އާއިލާއަކަށް ވަކިވަކިން ޒިޔާރަތްކުރުމާއެކު އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއެކު އޮނިގަނޑެއް ތަޢާރަފްކުރަން ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ޖަމާއަތުގެ ޖާގަތައް ހަދައިދިނުމުގެ ގޮތުން އިވެންޓުތައް ބޭއްވުމަށް އިންޑޯ ހޯލްތަކާއި ކުދިން ބެލެހެއްޓުމަށް ޗައިލްޑް ކެއަރ ޖާގަތައް ޤާއިމުކުރުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. 

"ބަދަހި އާއިލާ" ގެ ދެ ވަނަ ދާއިރާގައި ވަނީ "އޯގާތެރިކަމާއި އަޅާލުމަށް" ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން ދަރިން ބެލެހެއްޓުމުގައި އެހީތެރިވުމާއި، އިސްރަށްވެހިންގެ ކަރާމަތާއި ދުޅަހެޔޮކަން އިސްކުރުމާއި، ދެމެހެއްޓެނިވި އާންމު ޞިއްޙަތުގެ ނިޒާމް ހަރުދަނާކުރުމާއި، ރައްކާތެރި ހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ. 

ފުދުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ވެސް މުހިއްމު ކަންކަން މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި ހިމެނެނީ، ސްކޭލްކުރެވޭ ކޯޕަރޭޓިވްތައް ހިންގައި އަންހެނުންގެ ޚާއްޞަ ކޯޕަރޭޓިވްތަކެއް އުފެއްދުމާއި، ޑިޖިޓަލް ލިޓްރަސީއާއި އިންފްރާސްޓްރަކްޗަރއާ ގުޅޭ ދާއިމީ ކްލާސްތައް ހިންގުމާއި، ޕޭރެންޓް-ފްރެންޑްލީ ކޯ-ވޯކިން ސްޕޭސް ގާއިމުކުރުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ޕާޓްނަރޝިޕްތައް ޤާއިމުކުރުމެވެ. 

ޕީއެންސީން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކެންޑިޑޭޓުންގެ ބަދަހި އާއިލާ މެނިފެސްޓޯ އާއްމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، މެނިފެސްޓޯ ތަންފީޒުކުރުމުގައި ޕާޓީގެ ފަރާތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާނެ ކަމަށެވެ. އެ މަސައްކަތް އަލައިކާއާއި ކޮމިޓީގެ ޓީމު ގުޅިގެން ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ޝުޖާޢު ވަނީ ދެއްވައިފައެވެ. 

"ބަދަހި އާއިލާ" މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި އިވެންޓުގައި ޕާޓީގެ އަންހެނުންގެ ގޮފީގެ މެންބަރުންނާއި، ޕާޓީގެ އާއްމު މެންބަރުން ވަނީ ބައިވެރިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު