ENGLISH
30 މާރިޗު 2026
ޕީއެންސީގެ ކެންޑިޑޭޓުންނަކީ ހުރިހާ ވައުދެއް ފުއްދުމުގައި 100 ޕަސެންޓް ދޭނެ ބައެއް: ރައީސް
30 މާރިޗު 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، އެ ޕާޓީން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ އެމަނިކުފާނުގެ ހުރިހާ ވައުދެއް ފުއްދުމުގައި 100 އިންސައްތަ ދޭނެ ކެންޑިޑޭޓުންނަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓުންނަށް ތާއިދު ހޮދުމަށް ކޮންމެ ދުވަހަކުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ޕާޓީތަކެކޭ އެއްގޮތަށް ޕީއެންސީންވެސް ގެންދަނީ ކެމްޕޭނުގެ ކަންކަން ގާތުން ބަލަމުންކަމަށާއި، އެއާއެކު އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ޕީއެންސީން ރައްޔިތުންނަށް ހުށަހަޅަނީ ވަރަށް ޒިންމާދާރުކަމާއެކީގައި ހަލުވި މަސައްކަތްތަކެއް ކުރާނެ ޓީމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ހުށަހަޅަނީ ރައްޔިތުންނަށް ހަމަ ވަރަށް ޒިންމާދާރުކަމާއެކީގައި އިޚްލާސްތެރި ހަލުވި މަސައްކަތްތަކެއް ކުރުމުގެ ހުށަހެޅުމެއް. މާނައަކީ ކައުންސިލަށް އަންނަ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކައުންސިލަރުންނަށް ވީމަ، ނޫނީޔާ ސިޓީތަކުގެ ނޫނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނަށް މޭޔަރުންނަށް ވީމަ އެމީހުންނަކީ، އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލައްވާފަ ތިބި ބޭފުޅުންނަކީ ރައްޔިތުންނަށް އަޅުގަނޑުވެފައި ހުރި ހުރިހާ ވައުދެއް ފުއްދުމުގައި އަދި އެރަށަކަށް ނުވަތަ ސިޓީއަކަށް ބޭނުންވާ ކަންކަން ކުރުމުގައި ސަތޭކަ ޕަސެންޓް އެއްބާރުލުން ދޭނެބައެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓުން މަސައްކަތްކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެއިން ކޮންމެ ކެންޑިޑޭޓަކުވެސް މަސައްކަތްކުރާނީ ރަށާއި ސިޓީ އިސްކޮށްގެން ކަމަށާއި، އެކަންކަން ޤަބޫލުކޮށް ރަށްރަށުގެ ރައްޔިތުން ޕީއެންސީއަށް ވޯޓުދޭނެކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.