ENGLISH
30 މާރިޗު 2026
ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސްއެއް
30 މާރިޗު 2026
|
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްވީ ޕްލަސް
އެންމެ މަޤްބޫލު
ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ އިތުރަށް 6000 ރުފިޔާގެ އަލަވަންސެއް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މައުލޫމާތުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި އަދި ރާއްޖޭގައި ކިޔަވައި ދަރިވަރުން ކިޔަވާ ޤައުމުގައި ހުރުމާއި ކެއުމާއި އެހެނިހެން އަސާސީ ޚަރަދުތަކަށް ސްޓައިޕެންޑްގެ ގޮތުގައި ދޭ ފައިސާގެ ތަފުޞީލުވަނީ ވަނީ އާއްމުކޮށްފަ އެވެ.
މިއަދު ގެޒެޓްގައި އާއްމުކުރި އުޞޫލުގައި ބުނެފައިވަނީ، ހައި އެޗީވާސް ސްކޮލަރޝިޕް ލިބެނީ، ފަސް މާއްދާގެ ތެރެއިން ދަރިވަރު ބައިވެރިވި އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނެއްގައި އެސްއެސްސީގެ ދިވެހި އިސްލާމް މާއްދާ ހިމެނޭހެން އެއް މާއްދާއިން އޭ ސްޓަރ އަދި އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ އެއް ލިބުމުންނެވެ. ނުވަތަ ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުގެ އެ ދަރިވަރަކު ކިޔެވި ސްޓްރީމް (ޤިސްމު) ގައި ކިޔަވަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައިފައިވާ ހުރިހައި މާއްދާތަކާއި އަދި އެޗްއެސް.ސީގެ ދިވެހި އިސްލާމުގެ ތެރެއިން އެއް މާއްދާއިން އޭ ސްޓަރ ހޯދުމާއެކު ދެން ހުރި މާއްދާތަކުން، ދަށްވެގެން "އޭ " ގުރޭޑް ލިބުމުންނެވެ. އަދި އިނގިރޭސި މާއްދާއިން އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނަކުން ދަށްވެގެން ސީ ފާހެއް ވެސް އޮންނަން ޖެހެ އެވެ.
ސްޓައިޕެންޑްގެ ގޮތުގައި ދޭ ފައިސާއަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް މީގެ ކުރިން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ. އެމަކު މިހާތަނަށް އެ ބަދަލު ގެނެސްފައެއް ނުވެ އެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވީ، ހައި އެޗީވާސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ، ސްޓައިޕެންޑްގެ އިތުރުން އެލަވަންސެއް ދޭން ނިންމެވީ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
ހައި އެޗީވާސް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ފުލްޓައިމްކޮށް ކިޔަވަން ތިން އަހަރާއި ނުވަތަ ހަތަރު އަހަރު ދުވަހުގެ ބެޗްލާސް ޑިގްރީ ކޯހެއް ފުރިހަމަ ކުރުމަށެވެ. އަދި ހަ އަހަރުގެ މެޑިސިން އަދި ޑެންޓިސްޓްރީގެ ބެޗްލާސް ޑިގްރީއެއް ފުރިހަމަ ކުރުމަށެވެ. މީގެ އިތުރުން ތިން އަހަރާއި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމަތަކަށެވެ.