ENGLISH

30 މާރިޗު 2026

Advertisement

ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ރާއްޖެއަށް ގެންނާނީ ދެފުށްފެންނަ ގޮތަކަށް: ރައީސް

30 މާރިޗު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށްފަހު ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ރާއްޖެއަށް ގެންނާނީ ދެފުށްފެންނަ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުން ރައީސަކު ހޮވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ ވާހަކަ ފުރަތަމަ ފަހަރަށް ދެއްކެވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. 

އެމަނިކުފާނު ވަކާލާތު ކުރައްވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށްފަހު ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ރާއްޖެއަށް ގެންނަން ނަމަވެސް އެކަމަކީ ރައްޔިތުންގެ މަޝްވަރާ ބޭނުންވާނެކަމެއް ކަމުގައިވާތީ އެކަމާމެދު ރައްޔިތުންގެ ހިޔާލަކަށް ދޫކޮށްލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

"ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ނިންމާ ގޮތެއް ވަރަށް ބޮޑަށް ގުޅޭނެ ޕްރިފަރެންޝަލް ވޯޓަކަށް ދިއުމާއި ނުދިއުން. މިކަމާ ގުޅޭ ފަންނީ އަދި ގާނޫނީ ދިރާސާތައް މިދަނީ ކުރިއަށް. އަޅުގަނޑު ބޭނުމެއް ނޫން މިގޮތަށް ބަދަލުވާ ހާލަތުގައިވެސް ކުރިއަށް އަންނަ އަހަރުތަކުގައި ރައްޔިތުން މާޔޫސްވާކަށް. ނިޒާމަށް އަންނަ ހީނަރުކަމަށް ވާކަށް. ވަރަށް ޓްރާންސްޕޭރެންޓް ދެފުށްފެންނަ ވަރަށް ރަނގަޅަށް މިކަން ކުރަން ބޭނުން. ދެބުރުގެ ބަދަލުގައި އެއްބުރުން ރައީސަކު ހޮވިގެންދާއިރު ޕްރޮސެސް ދާ ގޮތް ވާންޖެހޭނެ އެއްވެސް ސުވާލެއް ނުއުފެދޭ ގޮތަށް ދެފުށް ފެންނަ ނިޒާމަކަށް. ވަރަށް ރަނގަޅަށް މިކަން ރާއްޖޭގައި ކުރެވެންވާނީ". ރިޔާސި އިންތިހާބުގެ ދެވަނަ ބުރު އުވާލަން މީގެ ކުރިންވެސް ތާއީދުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މިކަން ވެސް ނިންމާނި ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ. 

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ރައްޔިތުންވެސް ތާއީދުކުރައްވާނެކަމަށާއި ސަބަބަކީ އެމަނިކުފާނު ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅީ ސިޔާސީ ކަމަކަށް ނުވާތީކަމަށް ރައީސް ވިދާޅުވި އެވެ. 

ދެ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުން ވެގެންދާނީ ގިނަ ޕާޓީތަކެއް އެކުލެވޭ މިނިވަން މަޖިލީހެއް އިންތިހާބުކުރުމަށް ލިބޭ ފުރުސަތަކަށްކަމަށާއި މިނިވަން މަޖިލީހެއް ގާއިމުވެފައި އޮތުމަކީ ސަރުކާރު ޖަވާބުދާރީކުރަން ލިބޭ ބާރެއްކަމަށް ރައީސް ވިދާޅުވި އެވެ. ދެ އިންތިހާބު އެއްް ދުވަހެއްގައި ބާއްވަން ތާއީދުކުރައްވަނީ މި ސަބަބުތަކާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށްފަހު ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ރާއްޖެއަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވޯޓެއްކަމަށް ރައީސް ވިދާޅުވި އިރު މީގެ ކުރިން ވެސް މިކަމުގެ ބަހުސްތައް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަނީ ހިނގާފަ އެވެ. 

ޕްރިފަރެންޝަލް ސިސްޓަމުގައި ރައްޔިތުން ވޯޓުލާނީ އެއްބުރެވެ. ނަމަވެސް ވޯޓުލާއިރު އެއް ކެންޑިޑޭޓަކަށް ހެޔޮ ފާހަގަ ޖެހުމުގައި ބަދަލުގައި، ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ވޯޓު ގުނާ ފުރަތަމަ ބުރު ކެންޑިޑޭޓަށް ލިބޭނީ އެއް ނަމްބަރުގައި ރޭންކު ކޮށްފައިވާ ވޯޓުތަކެވެ.

އެގޮތަށް ގުނައިގެން ކެންޑިޑޭޓަކަށް 50 އިންސައްތަ ނުލިބިއްޖެ ނަމަ ފުލަށް ދިޔަ ކެންޑިޑޭޓުން އުނިކޮށް، އެ މީހުންނަށް ލިބުނު ވޯޓުގެ ދެވަނައަށް އިން ކެންޑިޑޭޓަކަށް ވޯޓު ބަދަލުކުރާނެ އެވެ. ކެންޑިޑޭޓަކަށް މެޖޯރިޓީ ލިބެންދެން މިހެން ކެންޑިޑޭޓުން އުނިކޮށް، އަލުން ގުނާނެ އެވެ.

ގިނަ ޕާޓީތަކަށް އެކުލެވޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ފުރަތަމަ ބުރުގައި 50 އިންސައްތަ އިން މަތިން ވޯޓު ހޯދައިގެން ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށްފައި ވަނީ 2018 ވަނަ އަހަރު އޭރު އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ކުރިގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް އެ އިންތިހާބު އެއް ބުރުން ކާމިޔާބުކުރެއްވުމުގެ ސަބަބަކީ ސިޔާސީ އިސް ބޭފުޅުން ޖަލުގައި ތިއްބެވުމުގެ ސަބަބުން ޕާޓީތަކުން އެމްޑީޕީއާ ކޯލިޝަން ހެދުމެވެ. 

ކިޔުންތެރިންގެ ހިޔާލު