ENGLISH
30 މާރިޗު 2026
އޭޕްރީލު އެއްވަނަ ދުވަހުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދައިން އެމްބިއުލަންސް ހިދުމަތް ލިބޭނެ
30 މާރިޗު 2026
|
އެމްބިއުލާންސް ހިދުމަތް ދިނުމުގައި އާސަންދަ ފޯރުކޮށްދޭން ނިންމާފައިވޭ، ފޮޓޯ: ހެލްތު މިނިސްޓްރީ
އެންމެ މަޤްބޫލު
އޭޕްރީލު އެއްވަނަ ދުވަހުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމަައިފިއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ނުލިބުމަކީ ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތައް އޮތް ކަމެއް ކަމަށެވެ. އަދި ވަކި ހާލަތްތަކެއްގައި އެމްބިއުލާންސް ހިދުމަތް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމީ، އެކަމުގައި ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހު، ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ހާލަތްތައް ރައީސްވަނީ އިއުލާނުކުރައްވާފައެވެ. އެ ހާލަތްތަކަކީ؛
- އިމަޖަންސީގައި ބަލިމީހަކު އުފުލާ ހާލަތާއި
- މައްޔިތަކު އުފުލާ ހާލަތު
- އެނދުމަތިވެފައިވާ މީހަކު އުފުލާ ހާލަތު
- ވީލްޗެއާގައި ގެންގުޅޭ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދާ ހާލަތްތައް
- ޖިސްމާނީ އަދި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދާ ހާލަތްތައް
- ސިއްހީ މަރުކަޒެއްގައި އެދުމަތިކުރެވިފައިވާ މީހަަކު އެހެން ތަނަކަށް ގެންދަންޖެހޭ ހާލަތްތަކުގައި
- ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދާ މީހުން ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދާ ހާލަތު
- ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން އައުޓް ޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތު
މި ހުރިހާ ހާލަތްތަކެއްގައި އެމްބިއުލަންސްގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެގޮތަށް ނިންމަވާފައިވަނީ މާލީ ގޮތުންނާއި ތަންފީޒީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ބެއްލެވުމަށްފަހު ކަމަަށެވެ.
"ދެންމިއީ ވަރަށް ގިނަ ދުވަހު އަޅުގަނޑުމެން މަޝްވަރާކޮށް، އެކަމާ ގުޅޭ ގޮތުން ޓެކްނިކަލް ލެވެލްގައި އެކަމުގެ ފައިނޭންޝަލް ނުވަތަ ބަޖެޓަރީ އިމްޕްލިކޭޝަންސް ދެން މިހެން ގޮސް ހުރިހާ ކަމެއް، އޮަޕަރޭޝަނަލް އޭންގަލްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމި ނިންމުމެއް. މިއީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާ ލުއިތަކެއް ބޭނުންވެފައި އޮތް ކަމެއް. އަޅުގަނޑު ޔަގީންކުރަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބޭނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރިން އާސަންދަ ހަމަނުޖެހޭ ވަރަށް ގިނަ ކަންކަމަށް އާސަންދަ ހަމަޖައްސަވައި، ސިއްހީ ރައްކާތެރިކަމުގެ ނިޒާމު ފުޅާކުރައްވާފައިވެއެވެ. އެގޮތުން އައިވީއެފް ފަރުވާ ފަދަ ކަންކަަމަށް އާސަންދަ ހަމަޖެހޭނެ ގޮތަށް އުސޫލުތައް ބަދަލުކުރައްވާފައިވެއެވެ.