ENGLISH

24 މާރިޗު 2026

Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

24 މާރިޗު 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ސާފް

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވެއްޖެއެވެ. މި މެޗުން ލަންކާ މޮޅުވީ 3-2 އިންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ރާއްޖެ އަށް ލީޑުނަގައިދިނީ ކެޕްޓަން، މުޙައްމަދު އިލާން އިމްރާން އެވެ. 

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ލަންކާގެ ކީޕަރު، ޝާތިން ޝަހީދުގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ބަދަލުގައި ކުޅެން ނިކުތް ލަންކާގެ ކީޕަރު، ނަދާލް ސެނަޕާލް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އިތުރުވަގުތުގެ ތެރޭގައި ރާއްޖޭގެ ލީޑު ފުޅާކޮށްދިނީ ވެސް އިލާން އެވެ.

ލަންކާ ކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ސާފް

މެޗުގެ ދެވަނަ ހާފު ފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި، ލަންކާ އިން ވަނީ ފަރަގު ކުޑަކޮށްފައެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުން ލަންކާ އަށް މި ލަނޑުޖަހައިދިނީ މުޙައްމަދު ކަތީމް އެވެ. ކަތީމް ފޮނުވާލި މި ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނީ ރާއްޖޭގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު އަތުގައި ޖެހިފައެވެ.

އޭގެފަހުން، މެޗުގެ 63 ވަނަ މިނެޓުގައި ލަންކާ އަށް އެއްވަރުކޮށްދިނީ އަހަމަދު ހިޖާޒީ އެވެ. އޭނާ މި ލަނޑުޖެހީ އޭރިޔާ ބޭރުން ތިރި ތިރިން ފޮނުވާލި ބޯޅައަކުންނެވެ. 

މެޗުގައި ރާއްޖޭން އިތުރު ލަނޑެއްޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން 80 ވަނަ މިނެޓުގައި އަހުޒަމް ރަޝީދު ނަގައިދިން ކޯނަރެއްގައި ލަންކާގެ ކުޅުންތެރިއަކު ދިފާއުކުރަން ޖައްސާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މުބާރާތުގައި ބޫޓާނާ ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ސާފް

މެޗު ނިމެންދަނިކޮށް، 88 ވަނަ މިނެޓުގައި ލަންކާ އަށް ލިބުނު ޕެނަލްޓީއަކުން ވަނީ ފުރަތަމަ ފަހަރަށް ލީޑުނަގައިފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލަންކާގެ ކަތީމް އަށް ރާއްޖޭގެ ކީޕަރު، ޒަހުރާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ލަންކާ އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ހުސައިން ޢަބްދުﷲ އެވެ.

މެޗުގެ އިތުރުވަގުތުގެ ތެރޭގައި ރާއްޖޭން ވަނީ ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލައިފައެވެ. ރާއްޖޭގެ އީތަން އިބްރާހިމް ޒަކީ ނަގައިދިން ހުރަހަކުން އޭރިޔާތެރޭގައި ހުރެ އިލާން ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ނޭޕާލް މޮޅުވީ 2-1 އިންނެވެ.

މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބޫޓާން ކޮޅަށް ނޭޕާލްގެ ލަނޑުތައް ޖަހައިދިނީ ސުޖަން ޑަންގޯލް އާއި ސުބާޝް ބާމް އެވެ. ބޫޓާންގެ ހަމައެކަނި ލަނޑުޖެހީ ދެންޑަޕް ގެޔެސްޓެން އެވެ.

ކިޔުންތެރިންގެ ހިޔާލު