ENGLISH

24 މާރިޗު 2026

Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

24 މާރިޗު 2026

|

މުޙައްމަދު އަދުހަމް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތާއި، މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްދިޔަ މުބާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ނައިބު ރައީސް ވަނީ ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރި މެޗު ބައްލަވައިލައްވާފައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކެޓްރީ ޕުރުއްޝޮއްތަމް ކައްޓެލް އާއި އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު ބައިވެރިވެވަޑައިގެންނެވިއެވެ.

މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ފެނިގެންދިޔައެވެ. އަދި، މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އޮތީ ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗެވެ. މި މެޗުން ރާއްޖެ އަތުން ލަންކާ މޮޅުވީ 3-2 އިންނެވެ. 

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

މި މަހުގެ 23 އިން އޭޕްރީލް މަހުގެ 3 ގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭ ހިމެނޭހެން މުޅިއެކު ހަތް ޤައުމު ވާދަކުރެއެވެ. 

މުބާރާތުގައި ވާދަކުރާ ހަތް ޤައުމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ރާއްޖޭގެ ޒުވާން ޓީމު ހިމެނޭ ގްރޫޕް އޭ ގައި ދެން އޮތީ ނޭޕާލްއާއި ބޫޓާންގެ އިތުރުން ސްރީ ލަންކާ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ؛ ބަންގްލަދޭޝް އާއި އިންޑިއާގެ އިތުރުން ޕާކިސްތާން އެވެ.

މިއީ، ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު