ENGLISH
23 މާރިޗު 2026
ރާއްޖެޓީވީން ހެދީ ދޮގު؛ ފީއަލީގައި ތިބީ ފެނަކައިގެ 60 މުވައްޒިފުން، 50 މުވައްޒިފުން ނެގީ ސޯލިހްގެ ވެރިކަމުގައި
23 މާރިޗު 2026
|
ސޯލިހް ފީއަލީ ފެނަކަ އޮފީހުގައި --
އެންމެ މަޤްބޫލު
ފ. ފީއަލީ ފެނަކަ ބްރާންޗުގައި 100 ވުރެ ގިނަ މުވައްޒިފުން އެބަ ތިބި ކަމަށާ އެއީ މި ސަރުކާރުން ސިޔާސީ ބޭނުމަށް އުފެއްދި ވަޒީފާތަކެއް ކަމަށް ބުނެ ރާއްޖެ ޓީވީން ހެދި ބޮޑު ދޮގެއްކަން ހާމަވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވަނީ ފީއަލީ ފެނަކަ ބްރާންޗުގައި 100 ވުރެ ގިނަ މުވައްޒިފުން އެބަ ތިބި ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ އެއީ ދޮގެއްކަން ހާމަކުރައްވާ ތަފްސީލު ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ ފެނަކަ ފީއަލީ ބްރާންޗުގައި މިވަގުތު 60 މުވައްޒިފުން އެބަ ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން 50 މުވައްޒިފުންނަކީ ނިމިދިޔަ ރައީސް ސޯލިހްގެ އެމްޑީޕީގެ ވެރިކަމުގައި ނަގާފައިވާ މުވައްޒިފުން ކަމުގައި ވިދާޅުވި އެވެ.
ސިޔާސީ ބޭނުމަށް ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒިފުން ނަގަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާ އެމްޑީޕީގެ ވާހަކަތައް ގެނެސްދޭ ރާއްޖެ ޓީވީ ފަދަ ސްޓޭޝަންތަކުން ދަނީ ކެނޑިނޭޅި ދޮގު ވާހަކަތައް ފަތުރަމުންނެވެ. ޚާއްސަކޮށް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެންމެ ބޮޑު ސަމާލު ކަމެއް ދީގެން އެމްޑީޕީން ކުރަމުންދާ އެއް ކަމަކީ ވޯޓް ހޯދުމަށާއި ސަރުކާރާއިމެދު ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް ދޮގު ވާހަކަތައް ފެތުރުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ސިޔާސީ ބޭނުމަށް ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒިފުން ނަގަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވާހަކަ ދައްކަމުންދާއިރު އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އޭރު އޮތް އެމްޑީޕީ ސަރުކާރުން ވަނީ ވޯޓް ހޯދުމުގެ ބޭނުމުގައި އެތައް ހާސް ވަޒީފާތަކެއް އުފައްދާ ބަހާފަ އެވެ. އެކަން އޮޑިޓް ރިޕޯޓްތަކުން ވަނީ ހާމަވެފަ އެވެ.
އެކަމުގެ ސަބަބުން އެތައް ކުންފުންޏެއް ދަރަނިވެރިވެ ނުހިނގޭ ހާލަތަށް ދިޔަ އެވެ. އެފަދަ އެއް ކުންފުންޏަކީ ފެނަކަ އެވެ. ރައީސް މުޢިއްޒު ވެރިކަަމަށް ވަޑައިގެންނެވިއިރު ފެނަކަ އޮތީ "ހިރުނުލެވޭ" މިންވަރަށް ދަރަނިވެރިކޮށްލާފަ އެވެ. އެތައް ހާސް މުވައްޒިފުންނެއް އިތުރުކުރުމާއި އެ ކުންފުނި މެދުވެރިކޮށް ބޮޑެތި ޚިޔާނާތްތައް ހުރީ ހިންގާފަ އެެވެ.