ENGLISH
23 މާރިޗު 2026
މާލެ ހުއްޓިފައި އޮތް އޮތުން ނިމޭނީ ސަރުކާރާއެކު މަސައްކަތްކުރައްވާ ކައުންސިލަކާއި މޭޔަރަކާއެކު: އާދަމް މަނިކު
23 މާރިޗު 2026
|
ރައީސް ޑރ.މުޢިއްޒާއި އާދަމް މަނިކު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ފާއިތުވި މުއްދަތުގައި މާލެ އޮތީ ވަރަަށް ބޮޑެތި ހުއްޓުންތަކެއް އައިސްފައިކަމަށާއި، އެކަން ނިމުމަކަަށް ގެނެސް މާލެއާއިގެން ކުރިއަށްދެވޭނީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރައްވާނެ މޭޔަރަކާއި ސިޓީ ކައުންސިލެއް އިންތިހާބުކުރެވިގެން ކަމަށް މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
"އެމްއެމްޓީވީ"އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މާލެ ސިޓީގެ މޭޔަރުކަމަަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާ ސަބަބު ބަޔާންކޮށްދެއްވަމުން އާދަމް މަނިކު ވިދާޅުވީ މިހާތަނަށް ތަޖުރިބާއިން ފެންނަން އޮތް ހަގީގަތަކީ ކައުންސިލުތަކަށް އެކަށީގެންވާ ނަތީޖާ ނެރެދެވިފައި ނެތްކަން ކަމަށެވެ. އެހެން މެދުވެރިވާ ސަބަބަކީ ގިނަ ފަހަރަށް ސަރުކާރާ ދެކޮޅު ބޭފުޅުން ކައުންސިލުތަކުގައި ތިއްބެވުން ކަމަށްވެސް އާދަމް މަނިކުު ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި ސަރުކާރާ ދެކޮޅު ކައުންސިލެއް އޮތުމުން ސަރުކާރާއި ކައުންސިލުގެ މެދުގައި ނުތަވަސްކަން އުފެދި، "ދެ ގެރި ތަޅާއިރު ކައްގަލަށްވަނީ މާލެ"އެވެ. ނަަތީޖާއެއްގެ ގޮތުން ސަރުކާރާއި ކައުންސިލުގެ މެދުގައި އޮންނަ ނުތަނަވަސްކަމާއި ވާދަވެރިކަމުގެ ހުރިހާ ގިލަންވެރިކަމެއް ތަހައްމަލުކުރަންޖެހެނީ މާލޭގެ ރައްޔިތުންނަށް ކަމުގައި ވިދާޅުވިއެވެ.
ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާލޭގައި ބޮޑެތި މަސައްކަތްތަކެއް ކުރެވުނުކަމަށާއި، އޭގެ ތެރޭގައި މަގުމަތީ ގާ އެތުރުމާއި ނަރުދަމާއާއި ފެނުގެ ނިޒާމު ފަދަ ކަންކަން ހިމެނޭކަން ފާހަގަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ އޭގެ ފަހުން މާލޭގައި ބޮޑު ކަމަކަށް ކުރެވިފައި އޮތީ މާލޭގެ ދެކުނު ސަރަހައްދުގެ މަގު ތަރައްގީކުރުމާއި ހުޅުމާލެއާއި މާލެ ގުޅައިލަ ބުރިޖުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ މި ދެ މަސައްކަތަކީވެސް ސަރުކާރުން ކުރި މަސައްކަތްތަކެއް ކަމަށެވެ.
"އެހެންވީމާ ކައުންސިލުތަކުގެ ޕްރޮޑަކްޓިވިޓީ ވަރަށް ދަށް. ދަށްވާ ސަބަބަކީ ސަރުކާރާ ދެކޮޅަށް ކައުންސިލު ހޮވެނީ. ހޮވުނީމާ މުސްކުޅިން ބުނާނެ ދެގެރި ތެޅީމާ ކައްގަލަށޭ ބާރުކުރާނީ. އެހެންވީމާ މާލެ މިއޮންނަނީ ކައްގަލަށް ވެފައި. އެއް ދުވަހުން އަނެއް ދުވަހަށް މާލޭގެ ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށް،" އާދަމް މަނިކު ވިދާޅުވިއެވެ.
ފުލެޓު އެޅުން ފަދަ ބޮޑެތި މަޝްރޫއުތައް ހިންގެވުމަށް ބައެއް ކެންޑިޑޭޓުން ވައުދުވެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މިހާތަނަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ހުރިހާ ފުލެޓުތަކެއް އެޅީ ސަރުކާރުތަކުންކަން ފާހަގަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ ކައުންސިލުތަކަށް އަދި މޭޔަރުންނަށް އެކަން ނުކުރެއްވެނީ އެ ގާބިލުކަން ނެތުމުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ވިސްނީ ސަރުކާރުގެ ކޮޅަށް އޮންނަ ކައުންސިލެއް، ސަރުކާރުގެ ބަސް ގަބޫލުކޮށްގެން ސަރުކާރާ އެއްކޮށް މަސައްކަތްކުރާ މޭޔަރެއް ހުރެގެންނޭ މާލެއަށް ކުރިއެރުން ލިބޭނީ.،" އާދަމް މަނިކު ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި ދިވެހި އަކުރު ދަސްކުރައްވައި ވޮށިފިލާ ދަސްކުރެއްވީ މޫސާ އަލީ ޖަލީލުގެ މާމަގެ އަރިހުން ކަމަށެވެ. އެއިރުއްސުރެ ޖަލީލާ ގާތް ގުޅުމެއް އޮތް ކަމަށްވެސް ވިދާޅުވިއެވެ. އޭނާއަކީ ވަރަށް ގާބިލު ކަމަށް އެކަށީގެންވާ ހަރުދަނާ ބޭފުޅެއް ކަމުގައިވެސް އާދަމް މަނިކު ވިދާޅުވިއެވެ.
ޖަލީލަކީ އެހައި ބޮޑަށް ސިޔާސީ ބޭފުޅެއް ނޫންކަން ފާހަގަކުރައްވަމުން މަނިކު ވިދާޅުވީ ޖަލީލަކީ އަސްކަރީ ދާއިރާއިން ނުކުމެވަޑައިގަތް ޝަހުސިއްޔަތަކަށްވާތީ ގާބިލުކަމާއެކު ކަންކަން ކުރިއަށްގެންގޮސް ނިންމަވައިލެއްވުމަށް ބޭނުންވާ ގާބިލުކަން އޭނާ ކިބައިގައި ހުންނާނެ ކަމަށެވެ.
އިތުރަށް މަނިކު ފާހަގަކުރެއްވީ މޫސާ ޖަލީލުގެ ފަސްބައި ހަޑިވާނެ ފަދަ ކޮރަޕްޝަނުގެ އެއްވެސް ކަމެއް އޭނާގެ ކިބައިން ފެންނަން ނެތް ކަމެވެ.