ENGLISH

23 މާރިޗު 2026

Advertisement

އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދިނުން ފަސް ދުވަހަށް ޓުރަމްޕު ފަސްކުރައްވައިފި

23 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު، ފޮޓޯ: ރޮއިޓާސް

އީރާނުގެ އިންޖީނުގެތަކާއި ހަކަތައިގެ ބިނާރުތަކަށް ހަމަލާދިނުން ފަސް ދުވަހުގެ މުއްދަތަކަަށް ފަސްކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވެއްޖެއެވެ. 

ޓުރަމްޕު ވިދާޅުވި ގޮތުގައި އެމެރިކާއިން އަންނަނީ އީރާނާއެކު މަޝްވަރާތައް ކުރަމުންނެވެ. ދެ ދުވަސްވީ މި މަޝްވަރާތަކަކީ ވަރަށް އުފެއްދުންތެރި ރަނގަޅު މަޝްވަރާތައް ކަމުގައި ސިފަކުރައްވަމުން ޓުރަމްޕު ވިދާޅުވީ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެންނެވުން ކަމަށެވެ. 

ފަސް ދުވަހުގެ މުއްދަތަކަށް އީރާނުގެ އިންޖީނުގެތަކާއި ހަކަތައިގެ އެހެނިހެން ބިނާރުތަކަށް ހަމަލާދިނުން ފަސްކުރެއްވީ މިހާރު ހިނގަމުންދާ މަޝްވަރާތަކަށް ޖާގަދެއްވުމާއެކު، އެ ހަމަލާތައް ކުރިއަށްގެންދިއުން އެ މަޝްވަރާތަކުން ނެރެވޭ ނަތީޖާއެއްގެ މައްޗަށް ބިނާކުރައްވާ ގޮތަށް ކަމަށް ޓުރަމްޕު ވިދާޅުވިއެވެ. 

މި އިއުލާނަކީ އީރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައި އޮތް މެދުއިރުމަތީގެ ގައުމުތަކަށް ނޭވާލާނެ ޖާގައެއް ލިބުނު ހަބަރެކެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވެ، މުޅި ދުނިޔެ ހަކަތައިގެ ކާރިސާއަކަށްވަނީ ހުށަހެޅިފައެވެ. 

ހަކަތައިގެ ކާރިސާއަށް ލުޔެއް ހޯއްދެވުމުގެ ގޮތުން އީރާނުން ބަންދުކޮށްފައި އޮތް ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވުމާއެކު އެ މުހުލަތުގައި އެ ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ އިންޖީނުގެތަކަށާއި ހަކަތައިގެ ބިނާރުތަކަށް އެމެރިކާއިން ހަމަލާދޭނެކަމަށް ޓުރަމްޕު އިންޒާރުކުރެއްވީ ހޮނިހިރުދުވަހުއެވެ. 

އެ އިންޒާރާ ގުޅިގެން އީރާނުން ބުނެފައިވަނީ އެ ގައުމުގެ ހަކަތައިގެ ބިނާރަކަށް އަމާޒުކޮށް އިސްރާއީލާއި އެމެރިކާއިން ހަމަލާއެއް ދީފިނަމަ ރައްދުގައި މެދުއިރުމަތީގައި ތިބި އެމެރިކާއާއި އިސްރާއީލާ ގުޅިފައިވާ އަރަބި ގައުމުތަކުގެ އިންޖީނުގެތަކާއި ހަކަތައިގެ ބިނާރުތަކަށް ހަމަލާދޭނެ ކަމަށެވެ. 

އެ ގައުމުންވަނީ މީގެ ކުރިންވެސް އެ ގައުމުގެ ވަކި ބާވަތެއްގެ އަމާޒުތަކަކަށް ހަމަލާދީފިނަމަ އެ ސަރަހައްދުގައި ހުރި އެ ބާވަތުގެ އަމާޒުތަކަށް އެ ގައުމުން ހަމަލާދޭނެކަން އިއުލާނުކޮށްފަައެވެ. އީރާނުގެ ތެޔޮ އަދި ގޭސް ނަގާ ތަނަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ގަތަރުގެ ގޭސް އުފައްދާ މަރުކަޒަކަށް އީރާނުން ހަމަލާދިނެވެ. އަދި އެ ގައުމުގެ ފެން ސާފުކުރާ މަރުކަޒަކަށް ދިން ހަމަލާތަކުގެ ބަދަލުގައި ބަހުރެއިނުގެ ފެން ސާފުކުރާ ތަނަކަށް އީރާނުން ހަމަލާދިނެވެ. 

އީރާނުން މެދުއިރުމަތީގެ ގައުމުތަކަށް ދޭ ހަމަލާތައް އަމާޒުކުރަނީ އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމުކޮށްފަައިވާ ގައުމުތަކަށެވެ. އެއީ ގަތަރާއި ސައުދީ އަރަބިއްޔާއާއި ބަހުރެއިނާއި ޔޫއޭއީ ފަދަ އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް އެ ގައުމުތަކުގެ ފަސްގަނޑުން ޖާގަ ދީފައިވާ ގައުމުތަކެވެ. 

ބައެއް މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ޓުރަމްޕުގެ މި އިއުލާނަކީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެމެރިކާ ނެރުމަށް އޭނާ ފަހިކުރައްވާ މަގެކެވެ. އެގޮތުން އެއްވެސް ގާނޫނީ އަސާކާނުލައި ޓުރަމްޕު އަމިއްލައަށް އިއުލާނުކުރައްވައިގެން ފެއްޓެވި މި ހަނގުރާމަ އިތުރު ޝަރުތަކާ ނުލައި، އަމިއްލަފުޅަށް ނިމުމަކަށް ގެންނެވުގެ އިހުތިޔާރު އޭނާއަށް އޮންނާނެކަމުގައި މުހައްލިލުން ވިދާޅުވެއެވެ. 

ނަމަވެސް ސުވާލަކަށް ވެފައިވަނީ އެމެރިކާ ހަނގުރާމައިން ބޭރުކުރެއްވުމަށް ޓުރަމްޕު ވިސްނެވި ނަމަވެސް މި ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވާ އަދި ހަނގުރާމަ ފެށުމަށް އެމެރިކާއަށް ބާރުއެޅި އިސްރާއީލުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވާނެތޯއެވެ. 

ގިނަ މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމަން ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލަށްޓަކައި އީރާނަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވިކަން ދައްކުވައިނުދެވެނީސް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާ އެއްބަސްވުމާމެދު ޝައްކެވެ. 

ކިޔުންތެރިންގެ ހިޔާލު