ENGLISH

23 މާރިޗު 2026

Advertisement

ދެ ހަފްތާ ތެރޭ ކުޅިވަރުގެ ހަތަރު މަޝްރޫޢެއްގެ މަސައްކަތް ނިންމާލައިފި

23 މާރިޗު 2026

|

ޢަލީ ޝަހީމް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިއު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން މިދިޔަ ދެ ހަފްތާ ތެރޭ ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާކަމަށް ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި މަޢުލޫމާތުގައެވެ.

ކުޅިވަރު ވުޒާރާއިން ނިންމާލި ހަތަރު މަޝްރޫޢަކީ ކ. ކާށިދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވުމާއި، ދ. ކުޑަހުވަދޫ އަދި ދ. މާއެނބޫދޫގެ ވޮލީ ކޯޓުގެ މަސައްކަތާއި، ތ. ވޭމަންޑޫ އައުޓްޑޯ ޖިމްގެ މަސައްކަތެވެ.

ކާށިދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑަކީ މި ސަރުކާރުން ފެށި މަޝްރޫޢެކެވެ. އެ މަޝްރޫޢު އެއްކޮށް ނިންމާލުމަށް ފަހު މިހާރު އެ ދަނޑު ބޭނުންކުރަންފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ދ. އަތޮޅުގެ ދެ ވޮލީ ކޯޓުގެ މަސައްކަތް ވެސް ނިންމައި މިހާރު އެތަންތަން ބޭނުންކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖޭގައި ގާއިމުކުރަމުން އަންނަ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ވޭމަންޑޫ އައުޓްޑޯ ޖިމްގެ ޢަމަލީ މަސައްކަތް ފުރިހަމަކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިދިޔަ ދެ ހަފްތާ ތެރޭ ހަވާލުކުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ވެސް ހާމަކުރައްވާފައެވެ. މިގޮތުން، ހަ ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢުތަކުގައި ސޮއިކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކުރަނީ ށ. ނަރުދޫ، ތ. ވޭމަންޑޫ، ރ. އުނގޫފާރު، ރ. ފައިނު، ރ. ރަސްމާދޫ އަދި ގދ. ތިނަދޫގައެވެ. މި ދަނޑުތަކުގެ އިތުރުން ނ. މާޅެންދޫ ދަނޑުގެ ލައިޓިން ސިސްޓަމް އަދި ވަށާފަރުގެ މަސައްކަތް ކުރުމަށް ވެސް ސޮއިކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށިގެން ދިޔައިރު، މިއީ ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިފަހުން ބާއްވާ ފުޓްބޯޅައިގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. އަދި، ރާއްޖޭގެ ގައުމީ ޓީމުތަކުން މި މަހާއި ކުރިއަށް އޮތް މަހުގައި ބައިނަލްއަގްވާމީ އިތުރު މުބާރާތްތަކުގައި ވާދަކުރާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ޤައުމީ ކުޅިވަރު އެތުލީޓުންނަށް ސަރުކާރުން ހަމަޖެއްސި އިންޝުރެންސް ސްކީމްގެ ދަށުން އެތުލީޓުންގެ މަޢުލޫމާތު ސެޝަން ކުރިއަށްގެންގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ މަސައްކަތްތަކުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ބަދަލުކުރުމަށް، މުހިއްމު ޕްރޮގްރާމްތަކެއް ފަރުމާކުރެވިގެން ކުރިއަށްގެންދަން ރާވާފައިވާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިއު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު