ENGLISH
16 މާރިޗު 2026
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް
15 މާރިޗު 2026
|
އެންމެ މަޤްބޫލު
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށްދާއިރު، ފަޅު ފުންކުރުމާއި ކޮނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މީގެއިތުރުން، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށްޓަކައި ބިންގަނޑު އެއްވަރުކޮށް ޕްރޮފައިލް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 21،023 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އެ ރަށުގެ ދެކުނު ފަރާތުންނާއި، އަދި ހުޅަނގު ދެކުނު ފަރާތުން ކުރިމަތިވަމުންދާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީއާ ކުރުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ. މިއީ 18.56 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރެވިގެންދިއުމާއެކު އެ ރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ލިބި، ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީ ލިބިގެންދާނެ އެވެ.