ENGLISH
14 މާރިޗު 2026
ދެ އިންތިހާބުގެ ރެފަރެންޑަމްގެ ބަހުސަކަށް ވަޑައިގަތުމަށް ފަލާހުގެ ދައުވަތު ވާދަވެރިންނަށް
14 މާރިޗު 2026
|
ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު. ދެ އިންތިހާބާ ގުޅޭ ބަހުސަކަށް ވަޑައިގަތުމަށް ވާދަވެރިންނަށް އޭނާ ވަނީ ދައުވަތު އަރުވާފައި. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނުފެންނަކަމަށް ބުނެ އިދިކޮޅު ސިޔާސީ ބޭފުޅުން ދައްކަމުން އަންނަ ވާހަކަތަކަށް ގަބޫލުކުރެވޭނެ ފަދަ ހެއްކެއް އަދިވެސް ދައްކާފައި ނުވާތީ އޭނާއާއެކު އެމްޑީޕީގެ ބޭފުޅުން އާއްމު ބަހުސަކަށް ވަޑައިގަތުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ދައުވަތު އަރުވައިފި އެވެ.
ފަލާހު މި ދައުވަތު އެރުވީ ޕީއެންސީގެ ފަރާތުން ކުރިއަށްގެންދިޔަ ހުޅުމާލެ ދެކުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިގެން ލިބޭނެ ގެއްލުމެއް ވާދަވެރި އެއްވެސް ބޭފުޅަކަށް ވިދާޅުވެ ނުދެއްވުނުކަމަށާއި އެބޭފުޅުންގެ މަސައްކަތަކީ ހަގީގަތާއި ހިލާފު ވާހަކަތައް ރައްޔިތުންގެ މެދުގައި ފެތުރުންކަމަށް ފަލާހު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިގެން ގައުމަށް ލިބޭނެ ގެއްލުމެއް އިދިކޮޅު އެއްވެސް ފަރާތަކަށް ބުނެއެއްް ނުދެވޭނެ. އަޅުގަނޑު މިހުރީ އެކަމުގައި އިދިކޮޅު ފަރާތްތަކުން ބަހުސް ކުރައްވާ ބޭފުޅުންނާ އެކީގައި ޓީވީ ލައިވްގައި އާއްމު ބަހުސަކަށްދާން ތައްޔާރަށް. ސާބިތުކޮށްދޭނަން އެކަމުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލަށް ލިބޭނެ ފައިދާ. އިދިކޮޅަކަށް ބުނެއެއް ނުދެވޭނެ މިކަމުން ލިބިގެންދާނެ ޒައްރެއްގެ މިންވަރުގެ ގެއްލުމެއް ވެސް. " - ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގާއިމުވެ، އިގްތިސާދީ އަދި އިޖުތިމާއީ އެތައް ކުރިއެރުމެއް ލިބިގެންދާނޭ ކަމަށެވެ.
ވާދަވެރިންނަށް ސަޕޯޓު އޮތް ނަމަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރައްޔިތުން ނިންމާނެ ނިމުމަކާ މެދު ބިރުން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދަވައި ފަލާހު ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ވިސްނުން ހުރީ ކޮންގްރެސް ޕާޓީގެ ކަމަށްވާތީ ކުރިއަށް އޮތް އިންތިހާބުގެ މެޖޯރިޓީ އެ ޕާޓީއަށް ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.