ENGLISH
14 މާރިޗު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: ފަރުވާއަށް މާލެ ގެނައި ދެ މީހުން އަދިވެސް ވެއްޓިލޭޓަރުގައި
14 މާރިޗު 2026
|
އައިޖީއެމްއެޗް: ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލު ދެރަވެގެން ގެނައި ދެ ބިދޭސީން އަދިވެސް އޮތީ ވެންޓިލޭޓަރުގަ.
އެންމެ މަޤްބޫލު
އދ. ދިގުރަށުގައި ހިންގި އަލިފާނުގެ ހާދިސާގައި ހާލު ދެރަވެގެން މާލެ ގެނައި ދެ ބިދޭސީން އަދިވެސް އޮތީ ވެންޓިލޭޓަރުގައިކަމަށް، އައިޖީއެމްއެޗުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ދިގުރަށުގައި، ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއްގެ ބަދިގޭގައި ރޯވެގެންނެވެ.
މާރިޗު 12 ވީ ބުރާސްފަރި ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި، ފަސް ބިދޭސީން ވަނީ ނިޔާވެފައެވެ.
ބިދޭސީންގެ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "އެމްއެމް" ޓީވީއަށް ވިދާޅުވީ، އެ ދެމީހުން އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުމާއިއެކު، މީހުން ސަލާމަތް ކުރުމަށް މަސައްކަތް، ދިގުރަށު ރައްޔިތުންނާއި ގުޅިގެން ކުރިކަމަށެވެ. އެގޮތުން އަލިފާން ރޯވެފައިވާ ގެއިން މީހުން ސަލާމަތްކުރުމަށް އެގޭގެ ފަހަތުން ފާރު ތަޅާލައިގެން ބެލިއިރު، ހަތް މީހަކު ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވާކަމަށެވެ. އަދި މިމީހުން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށާއި، އޭރު އޭގެތެރެއިން ފަސްމީހުން ނިޔާވެފައިވާކަމަށް މައުލޫމާތުދީފައިވެއެވެ. އަދި ހާލުދެރަވި ދެމީހަކު އިތުރުފަރުވާއަށް، މާލެއަށް ފޮނުވިކަމަށާއި، އެކަކަށް ނަފްސާނީ އެހީތެރިކަން ސިއްހީމަރުކަޒުން ފޯރުކޮށްދީފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ނޫހާ ވާހަކަދެއްކި އެރަށު މީހަކު ބުނީ ހާދިސާ ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ކައްކަން އުޅުމުގެ ތެރޭގައި ގޭސްފުޅި ގޮވައިގެންކަމަށެވެ.
ފުލުހުން ބުނެފައިވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމުން އެރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ ބުނެފައެވެ.