ENGLISH
14 މާރިޗު 2026
ސަރުކާރާއި މެންބަރުން އެއް ވަގުތެއްގައި ކަނޑައެެޅުމުން ނުފޫޒު ކުޑަވާނެ: ރައީސް
14 މާރިޗު 2026
|
ރައީސް މުއިއްޒު، ކޮންގްރެސް ޕާޓީގެ ސައިކަލް ބުރުގައި ބައިވެރިވެވަޑައިގަންނަވަނީ. ސަރުކާރާއި މެންބަރުން އެއް ވަގުތެއްގައި ކަނޑައެެޅުމުން ނުފޫޒު ކުޑަވާނެކަމަށް ވިދާޅުވި. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އިންތިހާބަށް ފޯރުވޭ ނުފޫޒުތައް ކުޑަވެ، ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން ކުރިއަށް ގެންދިއުމާއި ސިޔާސީ ހަލަބޮލިކަން އެކީ އެކަށް ނައްތާލުމާއި، ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ހެވާއި ލާބަ ހޯދައިދިނުމަށް، އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ނުފޫޒުން އެއްކިބާވެގެން އެންމެ ގިނަ ރައްޔިތުން ނުކުމެގެން ވޯޓު ލެވޭނެ ގޮތް ފަހިވާނެ ގޮތެއް ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގައި ގާނޫނީ އެއްވެސް ފުށުއެރުންތަކެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރެއް ހޮވިގެން ގޮސް، ދެން މަޖިލީސް އިންތިހާބު ދެން ހަތް މަސް ފަހުން އައުމުން ދެން މިވާގޮތަކީ އޭގައި ސަރުކާރުގެ ފަރާތުން ތިބި ކެންޑިޑޭޓުން ކަމަށް ބުނެ ރައްޔިތުންގެ ގާތަށް ގޮސް ކަންކަން ކުރުމުގައި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ކަންކަން ނުކުރެވޭ ހިސާބަށްވެސް ކަންތައް އާދޭ، އެންމެ އިންސާފުވެެރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮތީމަ ތިމަަންނައަކީ ސަރުކާރު ކެންޑިޑޭޓޭ ބުނެވޭނެ ޖާގައެއް ނޯންނާނެ، އެ ދުވަހު ހޮވޭނީ ކޮން ސަރުކާރެއް ކަމެއް އެނގޭނެ މީހަކު އެތާކު ނުއެއް ހުންނާނެ، އެހެންވީމަ ހޮވޭ ސަރުކާރާއި ހޮވޭ މެންބަރުންނާއި އެއް ވަގުތެއްގައި ރައްޔިތުން ކަނޑައެެޅީމަ، އެއީ ނުފޫޒުން އެއްކިބާވެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެންމެ ހަނިކޮށް، އަދި އެންމެ ގިނަ ރައްޔިތުންނަށް ވޯޓު ލުމުގެ އިންތިހާބު ބޭއްވިގެންދާ ގޮތް." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނަން ފަށާނީ ޑިސެމްބަރު އެކަކުން ފެށިގެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މި ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ އަނަނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގަ އެވެ.