ENGLISH

14 މާރިޗު 2026

Advertisement

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާގޮތަށް ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު އިއްޔެ ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި ބައިވެރިވެވަޑައިގަންނަވަނީ. ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ހައްލު ގެނެސްދޭން ތައްޔާރުވެފައިވާކަމަށް ވިދާޅުވި. ފޮޓޯ؛ ޕީއެންސީ

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރަން ތާއީދު ކުރައްވައި، އެކަން ކުރުމަށް ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ކޮންގްރެސް ޕާޓީގެ ފަރާތުން ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޚުވީ ގައުމަށް އެންމެ ހެޔޮގޮތް ހޯދައިދިނުމަށް ރިފޯމް އެޖެންޑާއެއް އެކުލަވާލައިގެން ތަންފީޒުކުރަމުން ގެންދާކަމަށެވެ. 

މި ރިފޯމް އެޖެންޑާގައި ހިމެނިގެން ކުރިއަށްދާނެ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރުމެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 93 މެމްބަރުންނަށްވުރެ އިތުރު ނުވާނެހެން ހިފަހައްޓަން ރިފޯމް އެޖެންޑާއެއް ހުށަހަޅާފައިވާކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާދިއުން ހުއްޓުވުމަށް ވެސް އަޅުގަނޑު ވާނީ ރިފޯމު އެޖެންޑާގައި ހިމަނާފައި. މިހާރު ތިބި އަދަދަށް 93 މެމްބަރުންނަށް ހިފަހައްޓަން. އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާނެ ވަރަށް އަވަހަށް. މިފަދަ މުހިންމު އެތައް ކަމެއް އެބަހުރި. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

މީގެ އިތުރުން ޝަރުއީ ދާއިރާގެ ރިފޯމް އެޖެންޑާގެ ތެރެއިން އެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ހާއްސަ އިސްކަމެއްދީގެން ކަންކަން ތަންފީޒުކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ. 

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮންނަ އޮތުމުގެ ސަބަބުން ބައެއް ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ގިނ ބަޔަކު މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. 

އައު ގާނޫނު އަސާސީއާއެކު 2009 އިންތިހާބުކުރި މަޖިލީހުގައި އިންތިހާބީ ދާއިރާތަކަށް މާލެ އާއި އަތޮޅުތައް ބަހާލައިގެން ޖުމުލަ 77 މެމްބަރުން ތިއްބެވި އެވެ. 2014 ގައި އެކުލަވާލި މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށް ބަދަލުވެ، އަދި  2019 ގައި ބޭއްވި އިންތިހާބަށް މެންބަރުންގެ އަދަދު 87 އަށް އިތުރުވި އެވެ. 20 ވަނަ ދައުރަށް  އިންތިހާބުކުރި މަޖިލީހުގައި މިހާރު ތިއްބަވަނީ 93 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ވިޔަ ނުދިނުމަށްޓަކައި ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އޭރު ހުށަހެޅުއްވީ 87 މެންބަރުންނަށް ވުރެ އިތުރު ނުކުރުމަށެވެ. އެ ހުށަހެޅުމަށް މަޖިލީހުގައި ބަހުސް ކުރި ނަމަވެސް އެ ބަދަލު ގެންނަން ފާހެއް ނުވެ އެވެ.

މަޖިލީހުގެ މެންބަރުން އިތުރުވުމުގެ މާލީ ބުރައަށް ބަލާއިރު، އިތުރުވާ ކޮންމެ މެންބަރެއްގެ މުސާރައާއި އިނާޔަތްތަކަށް އެކަނި އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވެ އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މެމްބަރުން މަޖިލީހުގައި ތަމްސީލުކުރާ އެއް ގައުމުކަމަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމުން މާލީ ބޮޑު ބުރައަކުން އަނެއްކާވެސް ލުޔެއް ލިބިގެންދާނެ އެެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓާނެކަމުގެ އިޝާރާތެއް

ކިޔުންތެރިންގެ ހިޔާލު