ENGLISH

22 ފެބްރުއަރީ 2026

Advertisement

ސަޢޫދީ ރަސްގެފާނު ދެއްވާ ރޯދަ ވީއްލުން އިފްތިތާހުކޮށްފި، ދުވާލަކު 150 މީހުންނަށް ރޯދަ ވީއްލުން ދޭނެ

21 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ސަޢޫދީ ރަސްގެފާނު ދެއްވާ ރޯދަ ވީއްލުން އިފްތިތާހުކުރުން. ފޮޓޯ: ޕީއެސްއެމް ނިއުސް

ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދުގެ ފަރާތްޕުޅުން ރާއްޖޭގައި ދެއްވާ ރޯދަ ވީއްލުން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. 

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިފްތިތާހުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. 

ރޯދަވީއްލުން ފޯރުކޮށްދެއްވުމަށް ރަސްގެފާނުގެ ފަރާތްޕުޅުން ސަޢޫދީ އަރަބިއްޔާގެ ވަފުދެއް ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިއަދު ހަވީރު 17:30 ގައި އޮތް ރަސްމިއްޔާތަށް ފަހު އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.

ސަޢޫދީ ރަސްގެފާނުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަ ވީއްލުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރޯދަ ވީއްލުމުގެ ކަންކަން ސަޢޫދީގެ ވަފުދާއެކު ރާއްޖޭގައި ކުރިއަށްގެންދާނީ، ސަޢޫދީ އަރަބިއްޔާގެ އެމްބަސީންނެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރޯދަ ވީއްލުން ފޯރުކޮށްދިނުމުގެ އިތުރުން ދެ ޤައުމު ގުޅިގެން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި، މިފަދަ ކަންކަމާއެކު ދެޤައުމުގެ ބަދަހިކަން ކުރިއަށް އޮތް ތަނުގައި ދަމަހައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، މި ހަރަކާތަކީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. 

މިދިޔަ ދެ އަހަރަށް ބަލާއިރު ސަޢޫދީ އަރަބިއްޔާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު