ENGLISH

18 ފެބްރުއަރީ 2026

Advertisement

އެސްޓީއޯ އިން ހުޅުމާލެ ފޭސް 1 ގައި އައު ފިހާރައެއް ހުޅުވައިފި

18 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯ އިން ހުޅުވާފައިވާ ފިހާރަ: ފޮޓޯ: މިހާރު

އެސްޓީއޯ ޕީޕަލްސް ޗޮއިސް (އެސްޓީއޯ)ގެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ރޭ ހުޅުވައިފި އެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.

އެސްޓީއޯ އިން ބުނީ މިފިހާރައިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް ރީޓެއިލްކޮށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވިޔަފާރިވެރިންނަށް މުދާ ހޯލްސޭލްކޮށް ދޫކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އައު ފިހާރައެއް ހުޅުވުމާއެކު، ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާނާ ހެޔޮ އަގުގައި ލިބުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެސްޓީއޯ އިން ގަބޫލު ކުރެ އެވެ. މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއް އަގެއްގައި ހުޅުމާލެ އައުޓްލެޓުން އާއްމުންނަށް ލިބޭނެ ކަމަށާއި،އަދި އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައްވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓިއޯ އިން ބުނީ މި ފިހާރައަކީ، ރަމަޟާން މަހާއި ގުޅިގެން ހުޅުވި ފިހާރައެއް ކަމުގައި ވީނަމަވެސް، ކުރިއަށް އޮތްތަނުގައި މި ފިހާރާގެ ޚިދުމަތް އާއްމުންނަށް ލިބޭނެ ކަމަށެވެ. މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގަ އެވެ.

ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްޓީއޯގެ އައުޓްލެޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެ އެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހަ އައުޓްލެޓުގެ އިތުރުން އަތޮޅުތެރޭގައި އެސްޓީއޯގެ 13 އައުޓްލެޓެއް ގާއިމްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު