ENGLISH

18 ފެބްރުއަރީ 2026

Advertisement

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުގެ ފުރުސަތު

18 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން، ފޮޓޯ: މިހާރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ އެސްއެމްއީ ޑިޖިޓަލްއަކީ އިސްލާމީ މާލީ ހިދުމަތް ދޭ އިދާރާއަކަށް ބަދަލުކުރުމަށް އެ ކުންފުނިން ގެންގުޅޭ އަމާޒުގެ ދަށުން، މިހާތަނަށް އެ ކުންފުނިން ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް ޝަަރީޢަތުގެ އުސޫލުތަކުުގެ ތެރެއަށް ފެތޭ ލޯނުތަކަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެސްއެމްއީ ޑިޖިޓަލްއަކީ ކުރީ ސަރުކާރުގައި އެސްއެމްއީ ޑިވެލޮޕްމެންޓު ބޭންކުގެ ނަމުގައި ހިންގަމުން އައި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ބޭންކް އޮފް މޯލްޑިވްސްއިން އެދިގެން ސަރުކާރުންވަނީ އެ ބޭންކަށް އެސްޑީއެފްސީ ވިއްކާފައެވެ. އެ ކުންފުނި ގަތުމަށްފަހު އެސްއެމްއީ ޑިޖިޓަލްގެ ގޮތުގައި ކުންފުނި ރީބްރޭންޑުކޮށް، އެ ކުންފުނިން ދެމުން އައި ގިނަ ހިދުމަތްތަކެއްގެ ފެންވަރު މަތިކޮށް ބޮޑެތި ހެޔޮ ބަދަލުތަކެއް ބީއެމްއެލްއިންވަނީ ގެނެސްފައެވެ. މިހާރު އެ ކުންފުނި ހިނގަމުންދަނީ ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ. 

އެ ކުންފުނިން ބުނެފައިވަނީ އެސްއެމްއީ ޑިޖިޓަލްގެ މާލީ ހިދުމަތްތައް އިސްލާމީ އުސޫލުގެ ތެރެއަށް ފެެއްތުމުގެ މަސައްކަތް ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ފަށާފައިވާއިރު، އެ މަސައްކަތުގެ ތެރެއިން މިހާރު އެ ކުންފުނިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ، އެކި ސަބބުތަކާހުރެ ލޯނު އަނބުރާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ކަމަށެވެ. 

އަދި އެ ފުރުސަތުގައި ލޯނުތައް އިސްލާމީ އުސޫލާ އެއްގޮތް މާލީ ހިދުމަތަކަށް ބަދަލުކުރުމަށް އެދުނު ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކެއްގެ ލޯނުތައް ޝަރުއީ މިންގަނޑަށް ފެތޭ މާލީ ހިދުމަތްތަކަށް މިހާރު ބަދަލުކުރެވިފައިވާނެ ކަމުގައި އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ. 

އިތުރަށް އެ ކުންފުނިން ބުނީ އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް އިސްލާމީ އުސޫލުން ދޭ މާލީ ހިދުމަތަކަށް ބަދަަލުކުރުމުގެ ފުރުސަތު ހުޅުވައިލުމުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ލޯނުތައް އިސްލާމީ މާލީ ހިދުމަތަކަށް ބަދަލުކުރާއިރު، މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު މަދުކުރުމާއި، ފައިސާ ދައްކައި ހަލާސްކުރުމަށް ލިބޭ މުއްދަތު އިތުރުކުރުން ފަދަ ލުއިތައް ލިބޭނެ ކަމުގައި އެ ކުންފުނިން ބުނެއެވެ. 

އޭގެ އިތުރަށް ގަވާއިދުން ފައިސާ ނުދެއްކި ހުރި ލޯނުތައް ރެގިއުލަރައިޒްކޮށް އޮންނަ އާއްމު އުސޫލުގެ ތެރެއިން އިސްލާމީ މާލީ ހިދުމަތެއްގެ ގޮތުގައި ހަމަޖައްސައި ފައިސާ ދައްކަން ފެށުމުގެ ފުރުސަތުވެސް މި ބަދަލުގެ ސަބަބުން ފަހިވާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ. 

އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވާ ގޮތުން އެ ކުންފުނިން ލޯނު ނެގި ފަރާތްތަކުގެ ތެރެއިން އިސްލާމީ މާލީ ހިދުމަތަކަށް ލޯނު ބަދަލުކުރުމުގެ ދައުވަތު ލިބިފައި ނުވާ ހުރިހާ ފަރާތްތަކަށް، އެސްއެމްއީ ޕޯޓަލު މެދުވެރިކޮށް އެ ދައުވަތު ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ދައުވަތު ގަބޫލުކުރުމުން، ލޯނު އިސްލާމީ މާލީ ހިދުމަތަކަށް ބަދަލުކުރުމުން އަންންނާނޭ ބަދަލުތަކާ ގުޅޭ މައުލޫމާތު އެސްއެމްއީ ޑިޖިޓަލްއިން ހިދުމަތް ހޯދި ފަރާތަށް ގުޅައިގެން ދެމުންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު