ENGLISH
18 ފެބްރުއަރީ 2026
ރާއްޖޭގެ އުތުރުގައި ހުޅުވި އައިނު ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި
18 ފެބްރުއަރީ 2026
|
ކުޅުދުއްފުށީގައި ގާއިމުކުރި އައިނު ފިހާރަ. ފޮޓޯ: އެމްސީޖީއެޗް
އެންމެ މަޤްބޫލު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ދަށުން ހިންގާ ހަތަރު ވަނަ އައިނު ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވައިފި އެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވިގެންދިޔަ އައިނު ފިހާރައާއެކު މިހާރު މާލޭގެ އިތުރުން ރާއްޖޭގެ އުތުރުގައާއި ދެކުނުގައި، ސަރުކާރުގެ ފަރާތުން އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ހިލޭ ނަންބަރު އައިނު ހެދުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މިއީ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ނުހަނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސީއީއޯ ފާހަގަކުރެއްވި އެވެ.
އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ހުޅުވި އައިނު ފިހާރައަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި އައިނު ފިހާރަ އެވެ. މީގެ އިތުރުން އެމްސީޖީއެޗުން އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި ހިދުމަތްދެމުން ނެވެ.
ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑު ޚަރަދު ކުރަންޖެހުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. އަދި، މީގެކުރިން އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ދެމުންގެންދިޔައީ 1000 ރުފިޔާ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރައްވާފަ އެވެ. އަދި ސަރުކާރު އައިނު ފިހާރަތަކާއެކު އާސަންދައިން ދޭ އެހީގެ އިމުގެ ތެރޭގައި އައިނު ހެއްދޭނެކަން ކަށަވަރުކުރެވިފައިވެއެވެ.