ENGLISH
16 ފެބްރުއަރީ 2026
ކުޅިވަރުގެ ލައިފްޓައިމް އެވޯޑް ކުޑަ މޫސަ އާއި އޭނާގެ ކޮއްކޮ ނަދީމަށް
16 ފެބްރުއަރީ 2026
|
ކުޑަ މޫސަ އެވޯޑާ ހަވާލުވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ކުޅިވަރުގެ ދާއިރާއިން ލައިފްޓައިމް އެވޯޑް ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި މޫސާ މަނިކު (ކުޑަ މޫސަ) އާއި އޭނާގެ ކޮއްކޮ މުހައްމަދު ނަދީމަށް ރޭ ދީފި އެވެ.
ކުޑަ މޫސަ އާއި ނަދީމަށް އެވޯޑް ހަވާލުކޮށްދެއްވީ، ރޭ ޒުވާނުންގެ މަރުކަޒުގައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ލައިފްޓައިމް އެވޯޑް ލިބުނު ކުޑަ މޫސަ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ހާއްސަކޮށް 1990 ގެ އަހަރުތަކުގައި ކުޑަ މޫސަ އަކީ ރާއްޖޭގެ ފުޓްބޯޅައިގެން އެންމެ މަޝްހޫރު ނަމެވެ. އެގޮތުން، ކުޑަ މޫސަ އަކީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި މުސާރައަށް ކްލަބް ބަދަލުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެއީ 1992 ވަނަ އަހަރު ކުޑަ މޫސަ ވެލެންސިއާއަށް ބަދަލުވުމެވެ.
ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާއިން ވިދާލުމުގެ އިތުރުން ހުއްރިއްޔާ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނުގައި ހޯދި ކާމިޔާބީގައި ވެސް ކުޑަ މޫސަ އަކީ ވަރުގަދަ ނަމެކެވެ. އެގޮތުން ކުޑަ މޫސަ ވަނީ އެކްލަބަށް ކުޅުމުގެ އިތުރުން ކޯޗުކަން ވެސް ކޮށްދީފަ އެވެ.
ކުޑަ މޫސަ އަށް ވަނީ "ހަވީރު" ނޫހުން ހޮވި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތުގެ ރަން މަގާމް ވެސް ލިބިފަ އެވެ.
ފުޓްބޯޅަ، ވޮލީބޯޅަ އަދި އެތުލެޓިކްސްގައި ވެސް ފާހަގަކުރެވުނު ނަދީމް ލައިފްޓައިމް އެވޯޑާ ހަވާލުވަނީ. ފޮޓޯ: ރައީސް އޮފީސް
ލައިފްޓައިމް އެވޯޑް ލިބުނު ނަދީމަކީ ވޮލީބޯޅަ އާއި ފުޓްބޯޅަ އަދި އެތުލެޓިކްސްގައި ވެސް ފެނުނު ކުޅުންތެރިއެކެވެ. އެގޮތުން ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުމުގެ އިތުރުން ވޮލީބޯޅައިގައި ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުތަކަށް ކުޅެ ގައުމީ ފެންވަރުގެ އަދި އަމިއްލަ ގިނަ ކާމިޔާބީތަކެއް ނަދީމް ހޯދި އެވެ.
ރޭގެ ހަފްލާގައި ވަނީ ލައިފްޓައިމް އެވޯޑުގެ އިތުރުން، ވަކިވަކި ކުޅިވަރުތަކުން ވެސް އެވޯޑް ހަވާލުކޮށްފައެވެ. ކުޅިވަރުގެ އެންމެ ބޮޑު އެވޯޑް ހަފްލާގައި ގިނަ އަދަދެއްގެ ކުޅިވަރު އެތުލީޓުންނާއި އެސޯސިއޭޝަންތަކުން ވަނީ ބައިވެރިވެފައެވެ.
ކުޅިވަރު ވުޒާރާއިން އިންތިޒާމުކުރި ސްޕޯޓްސް އެވޯޑްސްގެ ރޭގެ ހަފްލާ ޚާއްޞަކުރީ 2024 ވަނަ އަހަރު ކުޅުންތެރިން ދެއްކި ހުނަރަށެވެ.