ENGLISH

16 ފެބްރުއަރީ 2026

Advertisement

ރީ-ރަޖިސްޓަރީ ކުރުމުގެ ސުންގަޑި މިއަދު ހަމަވާނެ

16 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ފޮޓޯ: އިލްކެޝަންސް ކޮމިޝަން

އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ތަން ނުވަތަ ވޯޓު ފޮށި ބަދަލުކުރުމަށް ރަޖިސްޓަރީކުރުމުގެ ސުންގަޑި މިއަަދަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ދިހަ އަކުން ފެށިގެން 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

އެ ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ބެލުމަށް (VR space IDNO Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr)  މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ. 

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ބާކީ އޮތީ އެންމެ 46 ދުވަހެވެ.

މި އިންތިހާބުގައި މުޅި ޖުމްލަ 294،937 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު