ENGLISH

09 ފެބްރުއަރީ 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފި

09 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ޤަޟާޢީ އަހަރު 2026" އިފްތިތާޙް ކޮށްދެއްވައިފި އެވެ.

އެމަނިކުފާނު "ޤަޟާޢީ އަހަރު 2026" އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޤަޟާޢީ އަހަރު އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާ ކުރެއްވުމަށްޓަކައި، އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށްދިޔައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފަ އެވެ.

މި ރަސްމިއްޔާތުގައި، ޝަރުޢީދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރުންނާއި، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ޙަވާލުކޮށްފައި ވެއެވެ. މި ފިލާ އެފަރާތްތަކާ ޙަވާލުކޮށް ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މީގެ އިތުރުން، ޝަރުޢީދާއިރާއަށް އެކިގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ ހަތް ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ޙަވާލުކޮށްފައިވެ އެވެ. މި ފިލާ އެފަރާތްތަކާ ޙަވާލުކޮށް ދެއްވާފައިވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު