ENGLISH

09 ފެބްރުއަރީ 2026

Advertisement

ދުވަސްވީ މައްސަލަތައް ނިންމަން ޓާސްކު ފޯހެއް އެކުލަވާލަނީ

09 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

އުއްތަމަފަނޑިޔާރު، ރައީސަށް މަރުޙަބާ ދަންނަވަނީ --

އަހަރަކަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމަން ޓާސްކު ފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

"ޤަޟާޢީ އަހަރު 2026" އިފްތިތާޙު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ފަދަ ކަމެކެވެ.

މިހާތަނަށް ނުނިމިވާ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތައް އެބަހުރި ކަމަށާ އެގޮތުން ނުނިމި އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 13,032 މައްސަލަ އެބަ އޮތް ކަމުގައި ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމާ ބެކްލޮގް ފިލުވާލުން ކަމަށެވެ.

"2026 ވަނަ އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއް ކޮށް އެ މައްސަލަތަކުގައި އިންސާފު ގާއިމު ކުރުން,"

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މި މައްސަލަތަކަށް އިންސާފު ގާއިމުކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21,000 ހާސް މައްސަލަ ވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިގެންނެވެ. 

މައްސަލަތައް އަވަހަށް ނިންމަން ޚާއްސަކޮށްގެން އެކަމަށް ވަކީން ޓާސްކު ފޯހެއް މި މަހުގެ 10 ވަނަ ދުވަހު އެކުލަވާލެވޭނެ ކަމުގައި ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އެ ޓާސްކްފޯހުގެ ފަރާތުން މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު, ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް, ގާޒީ, ފަނޑިޔާރުގެ ގާތުގައި އަހާ, ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް އެ މައްސަލަ ކުރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭނެ," އުއްތަމަފަނޑިޔާރު މިރޭ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި މައްސަލަތައް ނިމިގެންދާއިރު ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ވެސް ދާއިމީ ހައްލު އަންނާނެ އެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރީން އަހަރު ދުވަސްވެފައިވާ އެފަދަ ހުރިހާ މައްސަލަތަކަކަށް ޙައްލު ގެނައުމެވެ. އެގޮތަށް މަސައްކަތް ކޮށްދެއްވުމަށް ޝަރުޢީ ދާއިރާގައި ވަނީ އެދިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު