ENGLISH

09 ފެބްރުއަރީ 2026

Advertisement

އަދުލްއިންސާފު ގާއިމުކުރެއްވުމަށް ބޮޑު އަހަންމިއްޔަތުކަމެއް ރައީސް ދެއްވި: އުއްތަމަފަނޑިޔާރު

08 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އަދުލްއިންސާފު ގާއިމުކުރެއްވުމަށް ބޮޑު އަހަންމިއްޔަތުކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ކަމުގައި އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޤަޟާޢީ އަހަރު 2026" އިފްތިތާޙު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ ކޯޓްތަކުގެ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މާލީ މިނިވަން ކަމާއި ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ކަމަށެވެ.

އެކަންކަން ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވަވާ ބޮޑު ޙައްލެއް ގެނެސްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ޚާއްސަކޮށް ހުޅުމާލޭގައި ކޯޓް ކޮންޕްލެކްސް އިމާރާތް ނިންމަވައި ދެއްވުމާއި ޖަސްޓިސް ބިލްޑިން އެނެކްސްގެ މަސައްކަތް އުއްތަމަފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އެއީ އަދުލްއިންސާފު ގާއިމުކުރުމަށް އެމަނިކުފާނު ދެއްވި އަހަންމިއްޔަތު ހާމަވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ކޯޓް ކޮމްޕްލެކްސްއާ އެކު ކްރިމިނަލް ކޯޓަށް ދިމާވި ޖާގައިގެ ދަތިކަން ފިލާގޮސް 10 މާލަމެއްގައި 11 ފަނޑިޔާރުން މިއަދު މަސައްކަތް ކުރަމުންދާ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

"އެހެން ކަމުން މިކަމުގައި މަނިކުފާނު ދެއްވި އިސްކަމާއި ޚާއްސަ ކަމަކަށްޓަކައި ދިވެހި ފަނޑިޔާރުގޭގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް އަރިސްކުރަން,"

މީގެ އިތުރުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވުމަކީ ލިބޭ ހިތްވަރަކާއި ފޮނި އުންމީދެއް ކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި އަހަރުގެ އުންމީދީ ބަޖެޓާއެކު 49 މަޝްރޫޢެއް ފެށޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ހިނގަމުންދާ 10 މަޝްރޫޢު ނިމޭނެ ކަމުގައި ވިދާޅުވި އެވެ.

މިދިޔަ އަހަރު 20,442 މައްސަލައިގައި ޙުކުމް އިއްވި

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކިތަންމެ ދަތީގައި ނަމަވެސް ޝަރުޢީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރަމުޖން އައީ އިންސާފު ޤާއިމުކުރުމަށް އިޚްލާސްތެރިކަމާއެކު ކަމަށެވެ.

މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް މަސައްކަތް ކުރެވިފައިވާ އަހަރެއް ކަމުގައި ވިދާޅުވި އެވެ. 2025 ވަނަ އަހަރާއި ޝަރުޢީ ދާއިރާއިން ކުރިމަތިލީ 13,351 މައްސަލައާ އެކު ކަމަށާ އަދި އެކިކަންކޮޅުން ކޯޓްތަކަށް 20,899 މައްސަލަ އަލަށް ހުށައެޅުނު ކަަމަށެވެ.

އެެހެން ކަމުން ކޯޓްތަކުގެ ފަނޑިޔާރުން 34,242 މައްސަލާގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް މަސައްކަތް ކޮށްފައިވާ ކަަމަށް ވިދާޅުވި އެވެ. އަދި 20,442 މައްސަލާގައި ހުކުމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު