ENGLISH
19 ޖެނުއަރީ 2026
ހުއްދަ ނެތި އޮންލައިންކޮށް ބޭސް ވިއްކާ ޕޭޖުތަކާމެދު ފިޔަވަޅުއަޅަނީ
19 ޖެނުއަރީ 2026
|
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ޕޭޖުތަކުން ބޭހުގެ ބާވަތްތައް ވިއްކަމުން އަންނާތީ އެ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމުގައި އެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގަައި ފާހަގަކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކުމަކީ ބޭހާ ބެހޭ ގަވާއިދުގެ ދަށުން އެކަމަށް ނަގަންޖެހޭ ވަކި ހާއްސަ ހުއްދަތަކެއް ނަގައިގެން ބޭސް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގން ކުރަންޖެހޭ ކަމެއް ކަމެވެ.
އޭގެ އިތުރަށް މިފަދައިން އެތެރެކޮށް ވިއްކާ ބޭސްތަކަކީ އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލާފައިވާ ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭހަަކަށްވުން ލާޒިމުވާނެ ކަމުގައި އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
ނަމަވެސް އެ ލިސްތޫގައި ނުހިމެނޭ ބޭސްތައް އެތެރެކޮށް ބައެއް ޕޭޖުތަކާއި ފާމަސީތަކުން އެކި ނަންނަމުގައި ވިއްކަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަން އެ އިދާރާގެ ބަޔާނުގައި ފާހަގަކުރިއެވެ. އަދި ހުއްދަ ނެތި ބޭސް ވިއްކަމުންދާ ޕޭޖުތަކުގެ މައްސަލަވެސް އެ އިދާރާއަށްވަނީ ފާހަގަކުރެވިފައެވެ.
އެމްއެފްޑީއޭއިން ބުނެފައިވަނީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގްލުޓައިޑަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއްކަމަށް ބުނެ ބައެއް ޕޭޖުތަކުގައި އިޝްތިހާރުކުރަމުންދާ ކަމަށެވެ. އަދި ހަމުގެ މައްސަލަތަކަށް ފަރުވާކުރަން ބޭނުންކުރާ އަޒެލައިކް އެސިޑަކީ މޫނު ރީތިކޮށް އަލިކޮށްދޭ ބޭހެއްކަމަށް ބުނެ ޕޭޖުތަކުގައި އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ބޭސްތަކަކީ ޑޮކްޓަރަކު ލިޔެދީގެން ނޫނީ ބޭނުންކުރަން އެކަށީގެންވާ ބޭސްތަކެއް ނޫންކަން ފާހަގަކޮށް އެމްއެފްޑީއޭއިން ބުނީ އެ ބޭސްތައް ފާމަސީތަކުންވެސް ދޫކުރެވޭނީ ޑޮކްޓަރުގެ ބޭސް ސިޓީއަށް ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފައާ ނުލައި މި ބޭސްތައް ބޭނުންކުރުމުން އަންދާޒާނުކުރެވޭ މިންވަރުގެ ނުރައްކާތައް ކުރިމަތިވެދާނެ ކަމުގައިވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެހެންކަމުން ހުއްދަ ނެތި މިފަދަ ބޭސްތައް އެތެރެކޮށް، އެކި ކަންކަމަށް އެ ބޭސްތައް އިޝްތިހާރުކޮށް ވިއްކަމުންދާ ފަރާތްތަކާމެދު މެދުގައި ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި އެމްއެފްޑީއޭއިން ބުންޏެވެ.