ENGLISH

19 ޖެނުއަރީ 2026

Advertisement

ލަންކާގެ ޓެލެންޓް ޝޯއެއްގައި ދިވެހި ކުއްޖަކު ދެއްކި ހުނަރަށް ސަމާލުކަން

19 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

"ސްރީ ލަންކާސް ގޮޓް ޓެލެންޓް" ގައި ލަވަ ހުށަހަޅައިގެން ދެ ވަނަ ބުރުގެ ޔަގީންކުރި މަރްޔަމް މިސްކް

ފްރެންޗައިޒް ޝޯ ގޮޓް ޓެލެންޓްގެ، "ސްރީ ލަންކާސް ގޮޓް ޓެލެންޓް" ގައި ދިވެހި ކުއްޖަކު ދެއްކި ހުނަރަށް ސަމާލުކަން ލިބިއްޖެ އެވެ. 

ލަންކާގެ ޓެލެންޓް ޝޯގައި ހުނަރު ދައްކާލީ އެގައުމުގައި ދިރިއުޅޭ މާލެއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ މަރްޔަމް މިސްކް އެވެ. 

ޝޯގެ ފުރަތަމަ ބުރުގައި މިސްކް ކީ ލަވަ މިހާރު ދައްކާފައިވާއިރު، ޖަޖުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެ ޝޯގައި މިސްކް ކިޔާފައިވަނީ އިންޑިއާގެ ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާންގެ "ކައިސީ ޕަހޭލީ ޒިންދަގާނީ" ލަވަ އެވެ. 

މިސްކްގެ އިތުރުން، މީގެކުރިން އިތުރު ދިވެހި ކުއްޖަކު ވެސް ވަނީ އެ ޝޯގައި ހުނަރު ދައްކާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. 

"ސްރީ ލަންކާސް ގޮޓް ޓެލެންޓް" ޝޯގައި މިސްކުގެ ހުށަހެޅުން. މިސްކް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ

މިސްކް ވަނީ އިތުބާރާ އެކު ލަވަ ހުށަހަޅައި، ފަނޑިޔާރުންގެ ވޯޓާ އެކު ދެވަނަ ބުރަށް ގޮސްފަ އެވެ. ދެވަނަ ބުރުގައި މިސްކުގެ ހުށަހެޅުން ދައްކާނެ ދުވަހެއް އަދި ތާވަލުކޮށްފައެއްނުވެ އެވެ.

ގްރޭޑް އެކަކަށް ލަންކާއަށް ބަދަލުވި މިސްކް މިހާރު ކިޔަވަމުން އަންނަނީ ގްރޭޑް 12 ގަ އެވެ. ދެކުދިން ހިމެނޭ އާއިލާ ލަންކާގައި ދިރިއުޅެމުންދާއިރު، މިސްކް އަކީ ސްކޫލްގެ ހަރަކާތްތަކާއި ދިވެހީން ލަންކާގައި ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ކުއްޖެކެވެ. 

"އެމްއެމް" ޓީވީ އަށް މައުލޫމާތުދެމުން މިސްކުގެ އާއިލާއިން ބުނީ، ޝޯގައި ލިބުނު ކުރިއެރުމާއެކު މިސްކް ހުރީ ވަރަށް "ޕޮޒިޓިވް" ކޮށް ކަމަށެވެ. ޚާއްޞަކޮށް ޖަޖުންގެ ފަރާތުން ލިބުނު ކޮމެންޓާ އެކު ކުރިއަށް ދިއުމުގެ އުއްމީދު މިސްކް އަށް ލިބިފައިވާކަމަށް އާއިލާއިން ބުނެފައިވެ އެވެ. 

"ސޯސަން ވިލާގައި އޮންނަ ހަރަކާތްތަކުގައި މިސްކް ބައިވެރިވާނެ. ވަރަށް ފަހުން ބޭއްވި ސޯސަން އުފާ ޝޯގައި ބައިވެރިވެ މިސްކް ހުށަހެޅި ލަވައަކަށް ސަޕޯޓް ލިބުނީ. މިއީ ބައިނަލްއަގްވާމީ މިފަދަ ޝޯއެއްގައި މިސްކް ބައިވެރިވާ ފުރަތަމަ ފަހަރު" މިސްކުގެ އާއިލާއިން ބުންޏެވެ. 

އާއިލާއިން ބުނީ ސޯސަން ވިލާގައި އޮންނަ އިވެންޓްތަކުގައި މިސްކް އަކީ މަދަހަ އާއި ޅެން ހުށަހަޅައިދޭ ކުއްޖެއް ކަމަށެވެ. ބައިވެރިވާ ހަރަކާތްތަކުގައި މިސްކް އަބަދުވެސް ކާމިޔާބީ ހޯދާކަން އާއިލާއިން ފާހަގަކުރި އެވެ. 

އާއިލާގެ އުއްމީދަކީ"ސްރީ ލަންކާސް ގޮޓް ޓެލެންޓް" ގައި މިސްކް ވީ އެންމެ ކުރިއަކަށް ދިއުމެވެ. 

ކިޔުންތެރިންގެ ހިޔާލު