ENGLISH
19 ޖެނުއަރީ 2026
ރިޓަޔާކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަަ އެކަން އަންގަން ޕެންޝަން އޮފީހުން އެދިއްޖެ
19 ޖެނުއަރީ 2026
|
ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އިތުރުން ސިވިލް ސާވިސް މަގާމުތަކުން ރިޓަޔާކޮށްފަައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމެއް މިހާރު އަދާކުރަމުންދާ މީހުން އެކަން އަންގައިދިނުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެދިއްޖެއެވެ.
މިއަދު ކުރި އިއުލާނެއްގައި ޕެންޝަން އޮފީހުން ބުނެފައިވަނީ ރިޓަޔާމެންޓު އިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ހިދުމަތުން ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބީ މަގާމަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފިނަމަ އެ މީހަކު އަދާކުރާ ވަޒީފާ ނުވަތަ މަގާމުގެ މުއްދަތުގައި ރިޓަޔަމެންޓު އިނާޔަތް ނުލިބޭ ގޮތަށް ސިފައިންނާއި ފުލުހުންގެ އިތުރަށް ސިވިލް ސާވިސްގެ އުސޫލުތައް މިހާރު އިސްލާހުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރު ރިޓަމެންޓު އުސޫލުތަކަށް ގެނައި އިސްލާހަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ހާމަކުރުމާއެކު ޕެންޝަން އޮފީހުން ބުނެފައިވަނީ، މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ރިޓަޔާކޮށްފައިވާ މީހުންނަށް ރިޓަޔަމެންޓު އިނާޔަތް ދިނުން މި މަހުން ފެށިގެން ހުއްޓައިލާނެ ކަމަށެވެ. އަދި އަލުން ރިޓަޔަމެންޓު އިނާޔަތް ލިބޭނީ މިހާރު އަދާކުރަމުންދާ މަގާމުން ވަކިވުމުން ކަމަށެވެ.
""ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރައްވަމުން ގެންދަވާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން 2026 ޖަނަވަރީ މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން މިއޮފީހަށް އެ މައުލޫމާތު ހިއްސާކުރުމަށް ދަންނަވަން،" ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުގެ ހިދުމަތުން ރިޓަޔާކުރުމަށްފަހު މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ރިޓަޔަމެންޓު އިނާޔަތް އެ މަގާމުގައި ތިއްބަވާ މުއްދަތުގައި ނުލިބޭ ގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ މާލޭ ރައްޔިތުންނާއެކު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިންނެވެ.