ENGLISH
19 ޖެނުއަރީ 2026
ބޭންކް އެކައުންޓެއް ހެކްކޮށްގެން ފައިސާ ނެގި މީހަކު ހައްޔަރުކޮށްފި
19 ޖެނުއަރީ 2026
|
ގިނަ އަދަދެއްގެ ފައިސާ މީހެއްގެ ބޭންކް އެކައުންޓް ހެކް ކޮއްގެން ނެގި މީހާ، ފޮޓޯ:ފުލުހުން
މީހެއްގެ ބޭންކް އެކައުންޓް ހެކްކޮއްގެން ގިނަ އަދަދެއްގެ ފައިސާ ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ވިޔަފާރިކުރާ ފަރާތެއްގެ ކަސްޓަމަރެއްގެ ނަމުގައި ގުޅައިގެން އޯޓީޕީ ހޯދައި، ބޭންކް އެކައުންޓުން ފައިސާ ނެގި މައްސަލައަކާ ގުޅިގެން 2025 ޑިސެމްބަރު 29 ގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުނަށް ރިޕޯޓު ކުރީ 2025 ސެޕްޓެމްބަރު 20 ވަނަ ދުވަހުކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ތަޙްޤީޤުން އެނގުނު ގޮތުގައި، މި މައްސަލާގައި ހައްޔަރުކުރެވުނު މީހާ ވަނީ ޖުމްލަ 29,600 ރުފިޔާއަށްވުރެ ގިނަ ފައިސާ މަކަރުން ހޯދާފައިއެވެ. އޭނާ މި ފައިސާގެ ތެރެއިން 24,700 ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އޭޓީއެމް މެދުވެރިކޮށް ނަގާފައިވެއެވެ. އަދި ބާކީ 4,900 ރުފިޔާ ވެސް އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، ފުލުހުން ހާމަކުރި ގޮތުގައި، ތަހުގީގަށް ވަނީ ނަދީފް މުޙައްމަދަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑުތައް ކުއްޔަށް ނަގައިގެން، އޭޓީއެމް ބޭނުންކޮށްގެން މިފަދަ ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން އެނގިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ފަހަރަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
އެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް އޭނާ އަނެއްކާވެސް ކޯޓަށް ހާޒިރުކުރެވުނުއިރު، އިތުރު 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަހައްޓަމުން ގެންދަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުންނެވެ.