ENGLISH

19 ޖެނުއަރީ 2026

Advertisement

ދިވެހި ބަހުގެ އެކަޑެމީގެ ރައީސްކަމަށް ހަސަން ޝާކިރު

19 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ދިވެހި ބަހުގެ އެކަޑެމީގެ އައު ރައީސް ޙަސަން ޝާކިރު

ދިވެހިބަހުގެ އެކަޑެމީގެ ރައީސްގެ މަގާމަށް މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ.ހުދުފިނިފެންމާގޭ ހަސަން ޝާކިރު މުހައްމަދު ހޮވިވަޑައިގެންފިއެވެ. 

މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ދިވެހި ބަހުގެ އެކަޑެމީގެ ބައްދަލުވުމެއްގައި މެންބަރުންގެ މެދުގައި ނެގި ވޯޓުން އެ އެކަޑެމީގެ ރައީސްކަމަށް ޝާކިރު އިންތިހާބުވެވަޑައިގެންފައިވާއިރު، އެކަޑެމީގެ ނައިބުރައީސްކަމަށް ހޮވިވަޑައިގަތީ ޒުލްފާ އިބްރާހީމެވެ. 

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ އިއްތިފާގުން ބަހުގެ އެކަޑެމީގެ ރައީސްކަމަށް ޝާކިރު ހޮވިވަޑައިގެންފައިވާއިރު ޒުލްފާއާއި ޝާކިރުގެ އިތުރަށް އެކަޑެމީގައި ހިމެނިވަޑައިގަންނަވަނީ އިތުރު ތިން މެންބަރުންނެވެ. އެއީ: 

1- އިޔާޒު ޖާދުﷲ ނަސީމް 

2- އިބްރާހީމް ވަހީދު 

3- ފާތިމަތު އައްޒަަ 

ޝާކިރަކީ ދަރިވަރެއްގެ ގޮތުގައި މައުހަދުއް ދިރާސާތިލް އިސްލާމިއްޔާގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުން ފެށިގެން ލިޔުންތެރިކަމާއި ޅެންވެރިކަމުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. 1998 ވަނަ އަހަރު ދިވެހި ޅެންވެރިކަމުގެ ރޮނގުން އޭނާއަށް އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތެވެ. 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

އޭގެ އިތުރަށް 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ޝާކިރަށް ދައުލަތުން އަރުވާފައިވެއެވެ. 

ޅެންވެރިކަން ދަސްކޮށްދެއްވުމާއި، އަދަބީ މަސައްކަތްކުރާ މީހުންނަށް މަގުދައްކަވައި އެހީތެރިވެދެއްވުމާއި، ލިޔުންތެރިންްގެ ޖަމްއިއްޔާ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވައި އެ ޖަމްއިއްޔާގެ ނައިބުރައީސްކަަން ދެ ދައުރެއްގެ މަތިން އަދާކުރެއްވިއެވެ. 

 އެކަޑެމީގެ ރައީސްކަމުގައި ކުރިން ހުންނެވި ޑރ.އަޝްރަފު އަބްދުއްރަހީމް އެ މަގާމުން އަދި އެކަޑެމީގެ މެންބަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކަޑެމީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ޝާކިރެވެ. އެކަޑެމީގެ ރައީސްގެ މަގާމަަށް ބޭފުޅަކު ހޮވަނީ އެކަޑެމީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. 

ކިޔުންތެރިންގެ ހިޔާލު