ENGLISH
19 ޖެނުއަރީ 2026
ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ ވިލިމާލޭ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކޮށްފި
19 ޖެނުއަރީ 2026
|
ވިލިމާލޭ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހޮސްޕިޓަލަކީ 112 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓާ ގާއިމުކުރުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީ ސްޓީތަކާއި ސާވޭތައް ހަދައި ނިންމާފަައި އޮތްއިރު ދެން އޮންނާނީ ހޮސްޕިޓާ އެޅުމުގެ އަމަލީ މަސައްކަތެވެ.
މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތްތަކާއި ބަލިޮ ދެނެގަތުމަށާއި ފަރުވާއަށް ހާއްސަ ސަަރަހައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހުންނައިރު ހޮސްޕިޓާ އަޅަނީ 12،890 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. އެ އިމާރާތަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓާއި ފަރުނީޗަރުވެސް ޗައިނާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރުގެ ތިންވަނަ ކުއާޓާގައި ފެށޭނެ ކަމުގައި ސަރުކާރުން ލަފާކުރެއެވެ. ދެން ކުރިއަށް އޮތް މަރުހަލާއަކީ ބީލަމުގެ އުސޫލުން މަޝްރޫއުގެ މަސައްކަތްކުރާނެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު އެކްސްގަައި ޝާއިއުކުރެއްވި ޕޯސްޓުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ މެދުގައި ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުމަކީ މުހިއްމު މަގުފާހަގައެއް ކަމށެވެ. އަދި މި ހޮސްޕިޓަލަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ކަމެއް ކަމަަށެވެ.
މި ހޮސްޕިޓަލުގެ އިތުރަށް ޗައިނާއިންވަނީ މާލެ ސިޓީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް އެ ގައުމުގެ ހިލޭ އެހީގައި ހިންގައިދިނުމަށް އެއްބަސްވެފައެވެ. އެ މަޝްރޫއުގެ ދަށުން ހަދަންޖެހޭ ދިރާސާތައް ހަދައި ސާވޭތައް ނިންމާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަަމުގައި ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ސަބަބުން ޗައިނާއާ އޮންނަ ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވާއިރު އެ ގައުމުން ނަގާފައިވާ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވެއެވެ.