ENGLISH
19 ޖެނުއަރީ 2026
ރާއްޖޭގެ ބޭންކިން ދާއިރާ ތަރައްގީކުރުމަށް ބީއެމްއެލްއާއި އޭއައިސީބީގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށްފި
19 ޖެނުއަރީ 2026
|
ބީއެމްއެލްއާއި އޭއައިސީބީގެ މެދުގައި އެއްބަސްވުމުގެ ސޮއިކުރަނީ
ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އާއައިސީބީ)އާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
މި އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އެޑްވާޑް ލިންގްއެވެ.
މި އެއްބަސްވުމުގެ ދަށުން ބޭންކިން ދާއިރާއާ ގުޅުންހުރި ފަންނުތަކުން ދިވެހިން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓު ޕްރޮގުރާމުތައް ކުރިއަށްގެންދިއުން ހިމެނެއެވެ.
ބީއެމްއެލްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ގައުމީ ބޭންކުގެ ހައިސިއްޔަތުން އެ ބޭންކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަކީ ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެކެވެ.
ބޭންކު އޮފް މޯލްޑިވްސްގެ ބީއެމްއެލް އެކަޑަމީން އަންނަނީ މިދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގުރާމުތައް ހިންގައި ބޭންކުގެ ތެރެއިން އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އަދި ބޭންކުންވަނީ މާލީ އަދި ބޭންކިން ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ސްކޮލާޝިޕް ފުރުސަތުތައްވެސް ތައާރަފުކޮށްފައެވެ.