ENGLISH

19 ޖެނުއަރީ 2026

Advertisement

"ބޯހިޔާވަހިކަން އެންމެނަށް"; އެއް ދުވަހުން 518 އެޕްލިކޭޝަން ލިބިއްޖެ، 3،836 އެޕްލިކޭޝަން ޑްރާފްޓު މަރުހަލާގައި

19 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަަތުވަނީ ހުޅުވާލާފައި، ފޮޓޯ: ހައުސިން މިނިސްޓްރީ

މި ސަރުކާރުން އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރާ ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވައިލިތާ 24 ގަޑިއިރު ތެރޭގައި 518 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފަައިވާކމަަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން ބުނެފިއެވެ. 

އެ ވުޒާރާއިން އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ދޫކުރާ ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ. އަދި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔަވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ގޮތުން ޝާއިޢުކުރެވުނު އުސޫލުތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލެވެ.

މިއީ 17 ނޮވެންބަރު 2025 ގައި ސަރުކާރު ގެޒެޓުގައި ޝާއިޢުކުރި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލަށް އިސްލާހު ގެނައުމަށްފަހު އަލުން އެކުލަވާލައިފައިވާ އުސޫލުތަކެއްކަމަށް ވުޒާރާއިން ހާމަކުރެއެވެ.

އުސޫލުތައް އިޞްލާހު ކުރީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާއި އެ އުސޫލުތައް ޝާއިޢުކުރުމުން ވުޒާރާއަށް ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް އުސޫލުތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުންކަމަށް ވުޒާރާއިން ބުނެއެވެ. 

އެ ވުޒާރާއިން ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލެޓަށް އެދި ކުރިމަތިލި 399 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ބިމަށް އެދި 119 އެޕްލިކޭޝަންވަނީ ހުށަހަޅާފައެވެ. ޑްރާފްޓު މަރުހަލާގައި 3،836 އެޕްލިކޭޝަން ކުރިއަށްދާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ވުޒާރާއިން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު ދެ ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއ ހިމަނާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10،000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3،000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ ރަށްވެހިންގެ ކެޓަގަރީންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

ވަކިން ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 ގޯއްޗާއި 1000 ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.

މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު