ENGLISH

14 ޖެނުއަރީ 2026

Advertisement

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޓީސީސީގެ އެމްޑީ ބައްލަވާލައްވައިފި

14 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ އެމްޑީ ބައްލަވާ ލެއްވުން-- ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަހުމަދު ސައުދީ ބައްލަވާލައްވައިފި އެވެ.

އެމްޓީސީސީ އިން ބުނީ، މިޒިޔާރަތުގައި އެ ކުންފުނީގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ އެމްޑީ ބައްލަވާ ލެއްވުން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި މާލޭގެ އުތުރު ފަރާތް (ބާޒާރުތައް ހުންނަ  ސަރަހައްދު) ގެ މަގު ފުޅާކޮށް، ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ، ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތްތައް ވެސް މެދުކެނޑުމެއް ނެތި އަންނަނީ ކުރަމުންނެވެ.

އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމުގެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ބޮޑަށް ވަނީ ނިންމާލެވިފަ އެވެ. މީގެ އިތުރުން، ހިނގާ މީހުންނަށް ޚާއްޞަ ސަރަޙައްދުގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިންމާލެވިފަ އެވެ.

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ އެމްޑީ ބައްލަވާ ލެއްވުން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. މި މުހިންމު މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުތަކަކީ ޒަމާނީ، އަދި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ މަގުތަކަކަށް ވެގެންދާނެ އެވެ. މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނުވައި، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް މަގުފަހިކޮށްދޭނެ މަޝްރޫޢެކެވެ.

އެމްޓީސީސީގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު