ENGLISH
14 ޖެނުއަރީ 2026
އެޕާޓުމެންޓު ކުއްޔަަށް ދޫކުރުމުގައި އޮޅުވައިލުން؛ 18 މަހަަށް ގޭބަންދުކޮށް ދޮޅު މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފި
14 ޖެނުއަރީ 2026
|
އެޕާޓުމެންޓު ކުއްޔަށް ދޫކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގުމަކީ ވަރަށް ގިނައިން ހިނގާ ކަމެއް.
އެޕާޓުމެންޓު ކުއްޔަށް ދޫކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގަމުންދިޔަ މީހެއްގެ މައްޗަށް އުފުލި ޖިނާއީ ދައުވާ ސާބިތުވެ 18 މަހަަށް ގޭ ބަންދުކުރުމާއެކު ގެއްލުންވި މީހުންނަށް މިލިއަނަކަަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެޕާޓުމެންޓު ކުއްޔަށް ދިނުމުގެ ނަމުގައި އެޑްވާންސް ފައިސާގެ ގޮތުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި ދައުލަތުން، މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް އުފުލާފައިވަނީ މ.ގްރީންޕީކްގޭ އަލީ ނަސީމުގެ މައްޗަށެވެ.
އޭނާގެ މައްޗަށް އުފުލި ހަތަރު ދައުވާއާ ގުޅިގެން އަލީ ނަސީމުވަނީ ދައުލަތާއެކު ގާނޫނުގައި ބަޔާންކުރާ އުސޫލުތަކުގެ މަތިން އިއުތިރާފު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގެ ދަށުން ޝަރީއަތުގައި އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ. އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުވާ ރައްދުވާ މީހުންނަށް ދޭ އަދަބު ލުއިކޮށްދެއެވެ.
އެގޮތުން ނަސީމުގެ މައްޗަށް ސާބިތުވި ފުރަތަމަ ދައުވާގެ އަދަބެއްގެ ގޮތުގައި 18 މަހަށް ޖަލަށްލާން ކުރި ހުކުމް އަށް މަހުގެ ގޭބަންދަށް ބަދަލުކޮށް 33،600 ރުފިޔާއިން ޖޫރިމަނާކޮށް، ގެއްލުންވި މީހުންނަށް 1،027،000 ރުފިޔާ 12 މަސް ތެރޭ ދެއްކުމަށް ހުކުމްކުރިއެވެ.
ދެވަނަ ދައުވާ ސާބިތުވުމުން ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އެ ހުކުމް ދެ މަސްދުވަހު ގޭބަންދުކުރުމަށް ބަދަލުކޮށް 8،400 ރުފިޔާއިން ޖޫރިމަނާކޮށް، ގެއްލުންވި މީހުންނަށް ނުދީ ހުރި 286،500 ރުފިޔާ ހަ މަސްދުވަހުން ދެއްކުމަށް އަންގާފަައިވެއެވެ.
ތިންވަނަ ދުވައުވާ ސާބިތުވުމުން ކަނޑައެޅި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހަތަރު މަސްދުވަހަށް ގޭ ބަންދުކުރުމަށް ބަދަލުކޮށް، 5،200 ރުފިޔާއިން ޖޫރިމަނާކޮށް، 183،500 ރުފިޔާ ގެއްލުންވި މީހުންނަަށް ހަ މަސް ތެރޭ ދެއްކުމަށް އެންގިއެވެ.
ހަތަރުވަނަ ދައުވާގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ހަތަރު މަހުގެ ގޭބަންދަށް ބަދަލުކޮށް 5،200 ރުފިޔާއިން ޖޫރިމަނާކޮށް، ގެއްލުން ލިބުނު މީހުންނަށް 6 މަސް ތެރޭ 183،500 ރުފިޔާ ދައްކަން އެންގިއެވެ.
މުޅި ޖުމްލަ ހަތަރު ދައުވާގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 18 މަސްދުވަހު ގޭބަންދުކޮށް، 52،400 ރުފިޔާއިން ޖޫރުމަނާކުރުމާއެކު، ގެއްލުންވި މީހުންނަށް ބަދަލުގެ ގޮތުގައި 1،532،000 ރުފިޔާ ދެއްކުމެވެ.